04 Jul 2017, 17:25
ލިއޮނަލް މެސީ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ ކުރީން އެ ކްލަބުގެ ހަތަރު ކުޅުންތެރިއަކު ވިއްކާލަން މެސީ ބޭނުންވާ ކަމަށް ސްޕެއިންގެ ނޫހަކުން ބުނެފިއެވެ.
ބާސާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުން، މި ފެށޭ ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.
ސްޕެއިންގެ ނޫހެއްކަމަށްވާ ޑޮން ބެލަންގައި ބުނެފައިވާގޮތުން، ބާސާގެ މުނީރް އަލް ހައްދާދީއާއި ތޯމަސް ވަމަލަން، އަރްދާ ތުރާން، އަދި އަންދްރޭ ގޯމޭޒް އެ ކްލަބުން ވަކިކުރުމަށް އާޖެންޓީނާގެ ކެޕްޓަން ވަނީ ކްލަބުގައި އެދިފައެވެ.
ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހަފްތާގައި އަލަތު ކައިވެނިކޮށްފައިވާ މެސީ ވަނީ، ނިމިދިޔަ ސީޒަންގައި ބާސާއަށް ޗެމްޕިއަންސް ލީގުން ލިބުނު ނާކާމިޔާބީއާއި، ވާދަވެރި ރެއާލް މެޑްރިޑުން ލަ ލީގާ ގެންދިއުމާ ގުޅިގެން ބާސާގެ ސްކޮޑު ވަރުގަދަކޮށްދިނުމަށް ކްލަބުގެ މެނޭޖްމަންޓުގައި އެދިފައެވެ.
ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރާން ބޭނުން ނަމަވެސް، މެސީ ވަނީ އޭނާ ކައިވެންޏަށްފަހު ޗުއްޓީއަށް ދިއުމުގެ ކުރީން ބާސާގެ ސްކޮޑް ވަރުގަދަކުރާން އޭނާ ބޭނުންވާ ކަންކަން ކްލަބުން ފުރިހަމަކޮށްދިނުމަށް އެދިފައިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބާސާގެ އާ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ޓްރާންސްފަރ ލިސްޓުގައި ބާސާއަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކުޅުންތެރިއަކީ ޕީއެސްޖީގެ އިޓާލިއަން މިޑްފީލްޑަރު މާކޯ ވެރާޓީއެވެ.