ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އަނެއްކާ ވެސް މަޖިލީހަށް ވެއްދީ މަސީހުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެއީ ކަމެއް ފޮރުވަން ބަޔަކު ދައްކާ ބަހަނާއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމަނައިގެން 45 މެންބަރުންގެ ސޮޔާ އެކުއެވެ. އަދި މިއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ މަދު ވިޔަފާރި ވެރިންތަކެއް ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަން ދައްކާ ބަހަނާއެއް ކަމަށެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންއަށް ދޫކޮށްފައިވާ ތ. އެލާގެ ކުއްޔާއި ޖޫރިމަނާ އަށްވާ 18 މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ.

ނަމަވެސް އެ މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ދައުލަތަށް ދައްކަން ޖެހޭ އެންމެ ލާރިއެއް ވެސް ނޯންނާނެ ކަމަށް ގާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ގާސިމްގެ އިތުރުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ތަކެއް ދެއްކުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަަކަށް ސަރުކާރުން ވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންގީ ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދާއި އޭނާގެ ފަހުން ފޮރިން މިނިސްޓަރު ކަން ކުރެއްވި އަހުމަދު ނަސީމާއި އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބުގެ އިތުރުން އެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށެވެ.

އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު އަހުމަދާއި ނަޝީދުގެ ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު އަސްވާނަށް ވެސް ސަރުކާރުން އެ އެންގުން އެންގިއެވެ.

އެ މައްސަލަތަކުގައި ދައުވާ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ހުށަހަޅާފައެވެ.