17 Jul 2011, 17:20
ގއ. އަތޮޅާއި ގދ. އަތޮޅު އާބަން ސިޓީއެއްގެ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އޮނިގަނޑެއް ޗައިނާގެ ކުންފުންޏަކުން މިއަދު ދިވެހި ސަރުކާރަށް ހުށައަޅައިފި އެވެ.
ޗައިނާގެ ޝެންޑޫ ސެންޒަރީ ސިޓީ ނިއު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރު ކޮމްޕެނީ ލިމިޓެޑް ]އީޓީޖީ[އާ އެކު "ސްޓްރެޓެޖިކް ފްރޭމްވޯކް ކޯޕަރޭޝަން" އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ. އަދި އީޓީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ޑެން ހޮން އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހަފްލާގައި އެއްބަސްވުމުގެ ތައާރަފެއް ދެއްވަމުން އިކޮނިމިކް މިނިސްޓަރު މަހަމޫދު ރާޒީ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ގއ. އަދި ގދ. އަތޮޅު ތަރައްގީ ކުރުމާ ބެހޭ ގޮތުން ތައްޔާރުކުރާ މާސްޓަޕްލޭންގެ މަސައްކަތްތައް އިޓީޖީން ތިން މަސް ދުވަހުގެ ތެރޭގައި ކުރާނެ ކަމަށެވެ. އަދި އީޓީޖީން އެ މަސައްކަތް ނިންމައި ނެޝަނަލް ޕްލޭނިން ކައުންސިލަށް މާސްޓަޕްލޭން ހުށައެޅުމުން އެ ކައުންސިލުން ބެލުމަށް ފަހު ސަރުކާރަށް ހުށައަޅާނެ ކަމަށެވެ. އަދި އެއަށް ފަހު އެކަމާ ގުޅޭ އެންމެހާ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށާއި އޭގެ ފަހުން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.
ރާޒީ ވިދާޅުވީ މިއެއްބަސްވުމުގައި މިސޮއިކުރީ އީޓީޖީން ހުށައެޅި ފިކުރަކާ ގުޅިގެން އެކުންފުންޏާ ސަރުކާރާ ދެމެދު ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަދި މިހާރު ތާވަލްކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދާނަމަ ކުރިއަށް އޮތް ދެއަހަރު ނުވަތަ ދޭއްބައި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ފެށި، އެ ދެ އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރަން ފަށާނެ ކަމަށެވެ.
މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އީޓީޖީގެ ޗެއާމަން ޑެންހޮން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަޕަ ސައުތު ސަރަހައްދު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ކުންފުނިން ގަސްދުކުރާ ކަމަށާއި އެކަމަށް އެއްބިލިޔަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. އަދި އެގޮތުން ތަރައްގީކުރާ ސިޓީގައި ރަނގަޅު ފެންވަރުގެ 8000 ރެސިޑެންޝަލް ޔުނިޓް އިމާރާތްކުރާނެ ކަމަށާއި ދިވެހި ސަރުކާރުން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތާނގައި (ގއ.ގދ)ގައި އަހަރެމެން ރަނގަޅު ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޝޮޕިން ސެންޓަރުތަކާއި މުނިފޫހި ފިލުވާނެ ތަންތަން އަހަރެމެން ބިނާކުރާނަން،" ޑެންހޮން ވިދާޅުވި އެވެ.
ޗައިނާ ކުންފުނިން ހުވަދު އަތޮޅު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅާފައި ވަނީ އެ ކުންފުންޏަށް ރިސޯޓް ލިބޭ ގޮތަށެވެ. ޑެން ވިދާޅުވީ އެކުންފުނިން ތަރައްގީކުރާ ސިޓީ އާއި ރިޒޯޓްގެ ސަބަބުން އެސަރަހައްދުގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ރައްޔިތުންގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އީޓީޖީ ގްރޫޕަކީ، ރައީސް އޮފީހުން ބުނި ގޮތުގައި، ކޮންވެންޝަން ސެންޓަރުތަކާއި ރިޒޯޓްތައް ތަރައްގީކުރުމުގެ ދާއިރާ އިން ޗައިނާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.