04 Jul 2017, 12:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް ފަހު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ދީފި އެވެ.
ރީކޯ މޫސަ ވެސް މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ރައީސް މައުމޫނުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
"ދެން އޮތީ މަޖިލީހުގެ ނައިބު ރައީސް،" ނާދިރާގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމަނައިގެން 45 މެންބަރުންގެ ސޮޔާ އެކު އެވެ. އޭގެ ތެރެއިން ޕީޕީއެމްގެ ބައެއް މެންބަރުންގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އިދކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއްވެސް ބޭފުޅެއްގެ ސޮއި ފޯޖް ކޮށްފައި ނުވާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު، ދެން ރައީސް ކަމަށް ގެންނާނެ ބޭފުޅަކާ މެދު އިދިކޮޅު ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވުން ތަކެއް ހުރިކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ ގޮތުން އެއްބަޔަކު މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ގެންނަން ބޭނުންވާ އިރު އަނެއް ބަޔަކު ބޭނުންވަނީ އިބްރާހީމް މުހައްމަދު ސޯލިހު އެމަގާމަށް ގެންނާށެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން މޫސަ ވަކި ކުރާނެ ކަމުގެ އިންޒާރެއް ދީފައިވާ އިރު، އެ މަގާމަށް ދެން ހޮވާނީ ކުރީގެ ރައީސް، މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫން ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.
މޫސަ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ނާދިރާ ދެއްވި ނަމަވެސް، މީގެ ކުރިން މޫސަ އެ މަގާމުން ވަކި ކުރަން ބޭނުންވާ ކަމުގެ އެއްވެސް ވާހަކައެއް އިދިކޮޅު ފަރާތްތަކުން ދައްކައިފައެއް ނުވެ އެވެ. އަދި މޫސަ ގެ މަސައްކަތާ ގުޅޭ ގޮތުން ހިތްހަމަނުޖެހުމެއް ވެސް ފާޅުކޮށްފައެއް ނުވެ އެވެ.
Next is Deputy Speaker@ReekoMoosa.
— aminath nadira