04 Jul 2017, 13:19
އަވަށްޓެރި އިންޑިއާގައި މިހާރު ދެކެވޭ އެންމެ ބޮޑު ވާހަކަ އަކީ އަލަށް ތައާރަފް ކުރި ޖީއެސްޓީ ގަވާއިދުގެ ވާހަކަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމަލު ކުރަން ފެށި އެ ގަވާއިދުގެ ސަބަބުން އެގައުމުގެ ޓެކްސޭޝަން އަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފަ އެވެ.
އެ އިންގިލާބީ ބަދަލުގެ ތެރެއިން މިހާރު އެގައުމުގެ ބިހާރު ސްޓޭޓުގެ ރާޖަސްތާނުގައި އުފަންވި ކުއްޖަކަށްވެސް "ޖީއެސްޓީ"ގެ ނަމުން ނަން ދީފި އެވެ. އިގްތިސާދީ ގޮތުން ގައުމަށް ކުރިއެރުންތަކެއް އަންނާނެ އެ ގަވާއިދުގެ އަސަރު އެގައުމުގެ ރައްޔިތުންނަށް ރަނގަޅަށް ވެސް ފޯރާފައިވާ ކަން މިކަމުން ވެސް ދޭހަވެ އެވެ.
ބިހާރަކީ އެގައުމުގައި އެފަދަ ނަންތަކުން ކުދިންނަށް ނަންދިނުމުގައި މަޝްހޫރު ސްޓޭޓެކެވެ. އެ ސްޓޭޓުގައި ވިހާފައިވާ ދަރިންނަށް މީގެ ކުރިން ދީފައިވާ ނަންތަކުގެ ތެރޭގައި ސައިކަލް ކޯޓު، ކޮފީ ފަދަ ނަންތައް ހިމެނެ އެވެ.
އެހެން ނަމަވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މެންދަމު، ޖުލައި އެއްވަނަ ދުވަހުގެ 12:02ގައި ދުނިޔެއަށް އުފަންވި އެ ކުއްޖާއަށް "ޖީއެސްޓީ"ގެ ނަމުން ނަންދީފައި ވަނީ އެގައުމަށް އަލަށް ތައާރަފް ކުރި ޖީއެސްޓީ ގަވާއިދާ ގުޅުވައިގެންނެވެ.
އެ ކުއްޖާއަށް "ޖީއެސްޓީ"ގެ ނަން ދިނުމުން އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ އޮފިޝަލުން ވަނީ އެކުއްޖާއަށް ހެޔޮ އެދުންތައް ފޮނުވައިފަ އެވެ. އެޕާޓީގެ ތަރުޖަމާން ނަލިން އެސް ކޮހްލީ ވަނީ ކުއްޖާގެ ފޮޓޯއެއް ޓްވީޓުކޮށް އެކުއްޖާއަށް އެ ނަން ދިނުމަކީ އާ ގާނޫނު ބާރުވެރި ކުރުވުން ގޮތުގައި ސިފަކޮށްފަ އެވެ.
މީގެ އިތުރުން ރާޖަސްތާނުގެ ޗީފް މިނިސްޓަރު، ވަސަންދުރަ ރާޖް ވެސް ވަނީ އެކުއްޖާއަށް ޓްވިޓާ މެދުވެރިކޮށް ހެޔޮ އެދުންތައް ފޮނުވައިފަ އެވެ.