05 Jul 2017, 09:23
ކުޑައިރު ޕޮކަހަންޓާސް ކާޓޫން ބެލިހަނދާން ވޭ ހެއްޔެވެ؟ ބައެއް މީހުންނަށް މިއީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ކާޓޫނެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް މިއީ ބޮޑެތި މީހުންނަށް ވެސް ވަރަށް އިބްރަތްތެރި ފިލާވަޅުތަކެއް މީގެން ލިއްބައިދޭ ކާޓޫނެކެވެ. މިފަހަރު މި ލިޔުމުގައި ބަލައިލަނީ 1995ގެ އޮސްކާގެ އެކަޑެމީ އެވޯޑްސްގައި އެންމެ ރީތި ލަވައިގެ ގޮތުގައި ހޮވުނު ޕޮކަހަންޓާސްގެ "ކަލާސްް އޮފް ދަ ވިންޑް"ގެ ލަވައިގެ މައްޗަށެވެ.
ޕޮކަހަންޓާސް ކާޓޫނުގައި ހިނގާ ހާދިސާތަކަކީ ތަރީހާ މުޅިން ފުށުއަރާ އެއްޗެކެވެ. ތާރީހް ދިރާސާކުރާ މީހުންވެސް މިކަމަށް އެއްބަސަވެއެވެ. އެހެންނަމަވެސް "ކަލާސް އޮފް ދަ ވިންޑް"ގައި ހިމެނޭ ވާހަކަ ތަކަކީ ހަގީގަތުގައިވެސް އެމެރިކާގެ އަސްލު ވަޒަންވެރިން ކަމަށްވާ އިންޑިއަންސްގެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ޝުއޫރުތަކެކެވެ.
ކުޑައިރު ޕޮކަހަންޓާސް ބެލިއިރު މިލަވައިން ނަގައިދޭ ފުން މާނަ ނަގައި ނުދެވިދާނެއެވެ. އެހެން ވެދާނެއެވެ. ކުޑަކުޑައިރު ދުނިޔޭގެ ކަންކަމަށް އެވަރަަށް ލޯ ނުހުޅުވިދާނެއެވެ. ނަމަވެސް ބޮޑެތިވެ ތަންދޮރު އެނގިފައިވާ މީހަކަށް މިލަވައިގައި މިބުނަނީ ކީކޭކަން ވަރަށް ރީއްޗަށް އެނގޭނެއެވެ.

ޕޮކަހަންޓާސްގެ މަންޒަރެއް--
ރެޑްއިންޑިއަނަކީ އެމެރިކާގެ އަސްލު ވަޒަންވެރީންނެވެ. ނަމަވެސް ދޮންމީހުން އެމެރިކާއަށް އައުމަށްފަހު އިންޑިއަން ދަރިކޮޅުގެ މީހުންގެ ނަސްލު ވަނީ ގާތްގަނޑަކަށް ނެތިކޮށްލާފައެވެ. އިންޑިއަން މީހުންނަކީ ވަރަށް ވެސް ގަދީމީ ޒަމާނުގެ މީހުން އުޅުނު ގޮތަށް އުޅުނު ބައެކެވެ. އެ މީހުންނަކީ ވަކިތަނެއްގައި ވަޒަންވެރިވެގެން އުޅުނު ބައެއް ނޫނެވެ. ރަނަކީ ކިހާ އަގެއް ހުރި އެއްޗެއް ކަމެއްވެސް އެންމެ ކުޑަމިނުން އެމީހުނަކަށް ނޭނގެއެވެ. އެހެންކަމުން އެމެރިކާއަށް އަންނަމުންދިޔަ ދޮންމީހުން މީގެ ފައިދާ ވަރަށް ބޮޑަށް ނަގައި ރަންނަގައި ބޮޑެތި މުއްސަނދީންނަށް ވިއެވެ. އެގޮތުން "ކެލިފޯނިއާ ގޯލްޑް ރަޝް"އަކީ އެމެރިކާގެ ތާރީހުގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ ދުވަސްވަރެކެވެ.
ދޮންމީހުން އިންޑިއަންސް އާ ދޭތެރޭ ދެކުނީ ވަރަށް ދަށުދަރަޖައިގެ ޖާހިލު ބައެއްގެ ގޮތުގައެވެ. އަދި ތަރައްގީއާއި ތަހުޒީބު އެއްގޮތަކަށް ވެސް ނެތް ބައެއްގެ ގޮތުގައެވެ. މި ލަވައިގައި އިންޑިއަންސް އިން ދޮންމީހުން އެމީހުންނާމެދު ދެކޭ ގޮތާމެދު ވަނީ ވަރަށް ފުރިހަމައަށް ރައްދުދީފައެވެ.
މިބަޔާން ކޮށްދެނީ މިލަވައިގައި ހިމެނޭ ލިރިކްސްގެ ދިވެހި ތަރުޖަމާއެވެ.
"ކަލޭމެންނަށް ހީވަނީ އަހަރުމެންނަކީ ތަންދޮރު ނޭނގޭ ޖާހިލުންތަކެއް ކަމަށް ހެއްޔެވެ!
ކަލޭމެން ދުނިޔޭގެ އެކިއެކި ހިސާބުތަކަށް ދަތުރުކޮށް އެކިތަންތަން ފެނުނަސް އަހަންނަށް ހަމަ ހަގީގީ ޖާހިލުނަކީ ކޮބައިކަން އޮޅިއްޖެއެވެ!
ކަލޭމެންނަށް ހީވަނީކަލޭމެން ފައި ބީއްސާލާ ކޮންމެ ތަކަނީ ކަލޭމެންގެ އަމިއްލަ މިލްކެއް ކަމަށް ހެއްޔެވެ!
ކަލޭމެންނަށް ހީވަނީ ދުނިޔެއަކީ ދިރުމެއް ނެތް ތަނެއް ކަމަށް ހެއްޔެވެ. މިތާނގައިވާ ކޮންމެ ގަލަކާއި، ގަހަކާއި އަދި ދިރޭ އެއްޗެެއްގައި ދިރުމެއް އަދި ރޫހެއް ވާކަން އަހަރުމެންނަށް އެނގެއެވެ. އަދި އޭގެން ކޮންމެ އެއްޗަކަށްވެސް ފުރިހަމަ ނަމެއް ދެއްވާފައިވާކަން އަހަރުމެން ދަންނަމެވެ!
ކަލޭމެންނަށް ހީވަނީ ކަލޭމެން ނޫނީ ދުނިޔޭގައި ބަޔަކު ނެތީކަމަށް ހެއްޔެވެ؟ ކަލޭމެން އިންސާނުން ކަމުގައިދެކެނީ ހަމައެކަނި ކަލޭމެންގެ ސިފަހުރި އަދި ކަލޭމެން ވިސްނާގޮތަށް ވިސްނާމީހުން އެކަންޏެވެ!
ކެލޭމަންނަށް އެނގޭ ހެއްޔެވެ؟ ނުދަންނަ ބައެއްގެ ފަހަތުން ހިނގައިފިނަމަ ކަލޭމެން ނުދަންނަ ކިތަންމެ ކިތަންމެ ކަމެއް ދަސްވާނެއެވެ."

ޕޮކަހަންޓާސްގެ މަންޒަރެއް--
ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫނެވެ. މިލަވައިގައި ވަނީ މިކަމަށްވެސް ވަރަށް ބޮޑަށް އަލި އަޅުވާލައިފައެވެ.
ގިނަބަޔަކު މުއްސަނދިކަމަށް ކެތްމަދުވެ ދަހިވެތިވެ، ވަނީ ދުނިޔަވީ ކަންކަމަަށް ގޮސް ހުސްވެފައެވެ. އަހަރުމެންނަށް މިލިބިފައިވާ ގުދުރަތީ ރީތިކަމާއި އޭގެ މުއްސަނދިކަން އަގުވަޒަންކުރަން އެނގެނީ މަދު ބަޔަކަށެވެ.
ދޮން މީހުން އެމެރިކާއަށް އައުމަށްފަހު އެމެރިކާގެ ގުދުރަތީ ރީތިކަން ގެއްލުވާލައި އެ ގައުމު ވަނީ ކޮންކްރިޓް ޖަންގައްޔަކަށް ހަދާލައިފައެވެ. ކުރިން ކޯރުތަކުން ވަގުތުން މީރު ފެންބޯން ލިބޭއިރު ދޮންމީހުން އައުމަށްފަހު ވަނީ އެތަންތަން ތަޣައްޔަރުވެފައެވެ.
"ޖަންގަލީގައިވާ އަލަނާސި ގަސްތަކުގެ ތެރެއަށް ވަދެބަލާށެވެ! މި ތާނގައިވާ ފޮނި ބެރީތަކުގެ ރަހަބަލާށެވެ! ދުނިޔޭގެ ހުރިހައި މުއްސަނދިކަމަކާ އަޅައިކިޔަލިޔަސް މިތަނުގެ ގުދުރަތީ މުއްސަނދިކަން އަޅާ ނުކިޔޭނެއެވެ!"
މި ލިޔުމުގައި ހުށަހަޅައިލައިފައި މިވަނީ މިލަވައިގެ ތަރުޖާމާގެ އެއްބައެވެ. މިލަވައިގެ ފުރިހަމަ މާނަ އިހްސާސް ކޮށްލުމަށްޓަކައި މިލަވަ ޔޫޓިއުބުން ބައްލަވާލައްވާށެވެ. މިއީ އިބްރަތުން ފުރިގެންވާ ލަވައެކެވެ.