17 Jul 2011, 17:24
ރ. އިންނަމާދޫ ސްކޫލާއި ޕްރިސްކޫލް ކައިރީގައި ހުންނަ އޮޑިހަރުގެތަކަކުން ފައިބަރާއި ލަކުޑީގެ މަސައްކަތް ކުރަމުންދާތީ ދަރިވަރުންނަށް ކިޔެވުމަށް އުނދަގޫވާ ކަމަށް ބުނެ އެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސް ތެރެއަށް ވަދެ ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ.
އިންނަމާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މިއަދު މެންދުރު ފަހުން ފެށިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސް ތެރެއަށް ވަދެ ނުރުހުން ފާޅުކުރަމުން ގެންދަނީ ދަރިވަރުންނަށާއި އެސަރަހައްދުގައި އުޅޭ މީހުންނަށް އެ ހަރުގެތަކުގައި ކުރާ ފައިބަރާއި ލަކުޑީގެ މަސައްކަތުން އުނދަގޫ ވަމުންދާތީ ކަމަށެވެ.
އެއްވި މީހުން ބުނަނީ އެ މައްސަލައަށް ހައްލެއް ނުލިބި އޮވައި އަދި އެކަމާ ބެލެނިވެރިން ޝަކުވާ ކުރަމުން ދަނިކޮށް، އިތުރު ދެ އަހަރަށް އެ ހަރުގެތައް ފައިބަރު މަސައްކަތް ކުރާ ފަރާތަށް ރަށު ކައުންސިލުން ކުއްޔަށް ދޭން ވެސް ނިންމަން އުޅޭ ކަމަށެވެ.
އިންނަމާދޫގައި ސިނާއީ މަސައްކަތް ކުރަން ވަކި ސަރަހައްދެއް ކަނޑައަޅާފައި އޮންނަ ކަމަށް ވެސް ވެއެވެ.
"ރަށުގައި އެބައޮވޭ އެއްލައްކަ އަކަފޫޓުގެ ބިމެއް ސިނާއީ މަސައްކަތް ކުރުމަށް. ނަމަވެސް ކައުންސިލަކަށް އެއްވެސް ބާރެއް ނެތް އެހަރުގެ އެސަރަހައްދުން ދުރަށް ގެންދާކަން އެހެންވެ ރައްޔިތުން ނުރުހުން ފާޅުކުރަމުންދަނީ،" އެރަށު މީހަކު ބުންޏެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވަ އެވެ.