04 Jul 2017, 11:36
ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯންޓެރީ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް ކްލަބުތަކުން، އުމުރުން 36 އަހަރުގެ ތަޖްރިބާކާރު ޑިފެންޑަރަށް ފާރަލަމުން ދަނިކޮށް އެސްޓަން ވިލާއަށް އޭނާ ސޮއިކުރީ ކީއްވެބާއޭ ގިނަ ބަޔަކު ހިތަށް އަރާނެއެވެ.
ސްވަންސީ ސިޓީގެ ކޯޗު ޕައުލް ކްލަމެންޓާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ޕްރިމިއަރ ލީގް ކްލަބަކާ ޓެރީ ނުގުޅުނީ އޭނާ އެ ކްލަބެއްގައި 21 އަހަރު ހޭދަކުރި ޗެލްސީއާ ދެކޮޅަށް ކުޅެން ބޭނުން ނުވާތީއެވެ.
ކުޅުންތެރިއެއްގެ ގޮތުގައި އެސްޓަން ވިލާއަށް ސޮއިކުރި ނަމަވެސް ޓެރީގެ ވަރަށް ބޮޑު ހުވަފެނެއް އެބައޮތެވެ. އެއީ އޭނާ އެންމެ ބޮޑަށް ލޯބިވާ ކްލަބާ އަލުން ގުޅުން ކަމަށް ޓެރީ ބުންޏެވެ. އެހެން ނަމަވެސް ދެން އޭނާ އަންނާނީ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. ކޯޗެއްގެ ގޮތުގައެވެ. އެގޮތުން ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑާ ދެމީހުން އެކަމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެއީ އަހަރެމެން އެންމެންގެ ވެސް ލަނޑުދަނޑިއެއް،" 700އަށް ވުރެ ގިނަ މެޗު ޗެލްސީއަށް ކުޅެ، އެ ކްލަބުގައި 15އަށް ވުރެ ގިނަ ޓްރޮފީ ހޯދާފައިވާ ލެޖެންޑް ޑިފެންޑަރު ބުންޏެވެ.
"އަހަންނާ ލަމްޕާޑާ ދެމީހުން ވަނީ އެކަމުގެ މަޝްވަރާތައް ކޮށްފައި."
ޓެރީ ބުނީ، އޭނާ އަބަދުވެސް މަސައްކަތްކުރަމުން ދިޔައީ ޕްރޮފެޝަނަލް ކެެރިއަރުގައި މޮޅުމީހެއްގެ ގޮތުގައި ހުރުމަށް ކަމަށެވެ. އެގޮތުން ކްލަބް މެނޭޖްމަންޓުގައި ކުރިއަށްދާއިރު، އޭނާ ހާސިލްކުރާން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑިއަކީ ޗެލްސީއަށް ކޯޗުކޮށްދިނުންކަމަށްވެސް ޓެރީ ބުންޏެވެ.
"އަހަރެން ގަބޫލުކުރަން ޗެލްސީ ފަދަ ބޮޑު ކްލަބެއްގެ މެނޭޖަރަކަށް ފުރަތަމަ ނުދެވޭނެކަން. އޭގެ ބަދަލުގައި އެބަ ޖެހޭ ތަނަކަށް ގޮސްގެން ނަމަވެސް ރަނގަޅަށް ކަންކަން ދަސްކުރަން، ސްޓީވަން ޖެރާޑް ފަދައިން."
އިނގިރޭސި އެފްއޭގެ ކޯޗިން ޗީފް، ޑެން އެޝްވޯތު ވަނީ މިހާރުވެސް އިންގްލޭންޑްގެ ޒުވާން ޓީމުތަކަށް އެހީތެރިވުމަށް އެގައުމުގެ ގޯލްޑަން ޖެނެރޭޝަންގެ ކުޅުންތެރީންނަށް ގޮވާލައިފައެވެ. އޭގެ ތެރޭގައި ޓެރީވެސް ހިމެނެއެވެ.