ޓީވީ ސީރީޒް 'ޕަވިއްތުރަ ރިޝްތާ' އިން މަގުބޫލުކަން ހޯދި ބަތަލާ އަންކިތާ ލޮކަންޑޭ ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފި އެވެ.

އަންކިތާ ފެނިގެން ދާނީ ކާމިޔާބު ބަތަލާ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު، 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާސީ' އިންނެވެ. އަންކިތާ ވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

މުމްބާއި މިރަރ އަށް ދިން އިންޓަވިއުއެއްގައި އަންކިތާ ބުނީ ފިލްމުގައި އޭނާ ފެނިގެން ދާނީ ޖަލްކަރީބާއީ ކިޔާ މީހެއްގެ ރޯލުން ކަމަށެވެ.

"އަހަރެން ވެސް ކުރިން އަޑު އަހާފައިވާ ނަމެއް ނޫން އެއީ. ގިނަ ބަޔަކަށް ނޭނގި ދާނެ. އެކަމަކު އެއީ އިންޑިއާގެ ތާރީޚު ދުށް ވަރަށް ވަރުގަދަ އަންހެނެއް. ދުނިޔެއަށް އޭނާގެ ވާހަކަ ކިޔައިދިނުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް،" އަންކިތާ ބުންޏެވެ.

އަންކިތާ މިހާރު އަންނަނީ އޭނާގެ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ފިލްމުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހު އެވެ.

އަންކިތާ ފިލްމަކަށް ސޮއިކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ޓީވީ އާއި ދުރުގައި ހުރުމަށް ފަހު އެވެ.