ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެތެރޭގެ ހާލަތު ރަނގަޅުކޮށް، ގޮންޖެހުންތަކުން ސަލާމަތްވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެ ކްލަބުގެ ކޯޗު އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މިދިޔަ ބުދަ ދުވަހު ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ވިކްޓަރީގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސުޒޭން ފާހަގަކޮށްފައިވަނީ ކްލަބުގެ މެނޭޖްމަންޓުން ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ބައިވަރު ކަންތައްތަކެއް ފުރިހަމަ ކޮށްދީފައި ނުވުމުން އެކަމުގެ ކަންބޮޑުވުންތަކެވެ. އެގޮތުން ކުޅުންތެރިންގެ މުސާރައާއި އެނޫން ބައެއް ކަންތައްތައް ހަމަޖެހިފައި ނުވާކަން ސުޒޭން ފާހަގަކޮށްފައިވެއެވެ.

ލީގުގެ ދެވަނަ ބުރުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ސުޒޭން ބުނީ، އެކަންކަން ރަނގަޅު ކުރުމަށް މިހާރު މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ކުރިއަށްއޮތްތާ ޓީމުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.

"މިވަގުތު މުހިންމީ އިދިކޮޅު ޓީމަށް ވިސްނުމަށްވުރެ ވިކްޓަރީގެ އެތެރޭގެ ހާލަތު ރަނގަޅުކޮށް، ގޮންޖެހުންތަކުން ސަލާމަތްވުމަށް ވިސްނުން. މެޗަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަނީ. އެހެންވީމާ އެކަންކަން ކާމިޔާބުކުރެވިއްޖެއްޔާ އެއީ ވަރަށް ބޮޑު އެޗީވްމަންޓެކޭ އަޅުގަނޑު ދަންނަވާނީ. އެއީ މެޗަށް އަންނައިރު ވެސް ހުރިހާ ކުޅުންތެރިންނެއްހެން ގާތްގަނޑަކަށް އެވައިލަބަލް ވާނެ ގޮތަކަށް ނުވަތަ ބަރާބަރަށް ޕްރެކްޓިސްތަކަށް އައިސް، ބައިވެރިވެވޭނެ ގޮތަކަށްވުން އެއީ މިވަގުތަށް ކުރެވެމުންދާ މަސައްކަތަކީ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، ވިކްޓަރީއަށް ކުރިމަތިވެފައިވާ ހާލަތަށް ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ކްލަބުގެ ޗެއާމަން ނޫން ކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއެކު ކަމަށެވެ.

"އެންމެން އެކުވެގެން ބައިވެރިވެގެން މިކަން ކުރެވޭނީ. މިހާރު ޗެއާމަން ރަށުގައި އެބަހުންނެވި. އެއަށް ބަލާއިރު ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށްދާނެ. ބައެއް އޮފިޝަލުން ވެސް ވަކިވެގެންދިޔަ. ދަނޑުގެ ބަޔަށް ބަލައިލާއިރު ވެސް ތަންކޮޅެއް ހީނަރުކޮށް މިއޮތީ. އެހެންނަމަވެސް އެކަންތައްތައް މަޑުމަޑުން ރަނގަޅުވެގެންދާނެ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، ލީގުގައި އެންމެ ފޯމުގައި އޮތްކަމަށް އޭނާ ގަބޫލުކުރާ ތިން ޓީމަކީ މާޒިޔާއާއި ނިއު ރޭޑިއަންޓް އަދި ގްރީން ސްޓްރީޓްސް ކަމަށާއި ކުރިއަށްއޮތް މެޗުގައި ވިކްޓަރީން ނުކުންނަން ޖެހޭނީ އޭގެ ތެރެއިން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކަމަށެވެ. އަދި ގްރީންގެ ފަރާތުން ފެންނަ ރަނގަޅު ނަތީޖާތަކާއި އެޓީމުގެ ރަނގަޅު ކުޅުން ވެސް އޭނާ ފާހަގަކުރިއެވެ.

މާލޭ ލީގުގައި ގްރީންއާ ދެކޮޅަށް ވިކްޓަރީ ނުކުންނަން ޖެހޭނީ މިރޭ 9:00ގައެވެ. މިވަގުތު ތާވަލުގެ ހަވަނާގައި ވިކްޓަރީ އޮތްއިރު، ގްރީން އޮތީ ތާވަލުގެ ހަތަރުވަނާގައެވެ.