04 Jul 2017, 00:13
ޓީސީ ސްޕޯޓްސް ކްލަބު އަތުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޕޮއިންޓެއް ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ޓީސީ އާއި މާޒިޔާ ބައްދަލުކުރި މާލޭ ލީގު ދެ ވަނަ ބުރުގެ މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ ނަތީޖާއާއެކު މާޒިޔާއަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނެކަމުގެ ފުރުސަތު މާޒިޔާއަށް ބޮޑުވި ނަމަވެސް، އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގައެއް ގެއްލިދާނެ ހަނި ފުރުސަތެއް އަދިވެސް އެބައޮތެވެ. މާޒިޔާއަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވާނީ މާދަމާރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުން ވިކްޓަރީ ބަލިވެއްޖެނަމައެވެ.
މާލޭ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މާޒިޔާ އޮތީ ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެ ވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނާގައި އޮތް ކްލަބު އީގަލްސްއަށް 11 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. މިރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު ޓީސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގައެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން މުހައްމަދު އުމައިރާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި އަސްހަދު އަލީ (އަޑުބަރޭ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާގެ އަޑުބަރޭއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އަޑުބަރޭއަށް ރަތް ކާޑު ދެއްކީ ޓީސީގެ ހާފްގެ ތެރެއިން އަބްދުﷲ ހަނީފް (ބެންޖޯ)އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ރަނގަޅަށް ކުޅެމުންދިޔައީ ޓީސީންނެވެ. ހާފުގެ ކުރީކޮޅު ޓީސީގެ ހަސަން ނާއިޒް (ދާދު)އާއި، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސް، މާޒިޔާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރި ނަމަވެސް މާޒިޔާގެ ޑިފެންސް ލައިން ފޫއަޅުވާލެވިފައެއް ނުވެއެވެ.
މެޗުގެ ފަހުކޮޅު މާޒިޔާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔައެވެ. އޭގެ ތެރެއިން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައީ މާޒިޔާގެ ކެޕްޓަން އަސައްކޮއަށެވެ. މެޗުގެ ފަހު ފަސް މިނެޓުގައި އަސައްކޮއަށް ލިބުނު ދެ ފުރުސަތުގެ ތެރެއިން ފޮނުވާލި ފުރަތަމަ ހަމަލާ، ގޯލާ އަމާޒުވެފައިނުވާއިރު އޭނާގެ ދެވަނަ ހަމަލާ، ޓީސީގެ ނޭޕާލް ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޓީސީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފޭދޫ އިއްބެ ފޮނުވާލި ހަމަލާ މާޒިޔާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ކޯނެލިއަސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މާޒިޔާގެ ކީޕަރު ޕަވެލް މަޓިއާޝްއެވެ.
ލީގުގެ ދެ ވަނަ ބުރުގެ ދެމެޗު މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.