13 Jul 2017, 12:09
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން އެންޑް އެންވާރަމެންޓް މިނިސްޓަރު މުހައްމަދު އަސްލަމްގެ މޮބައިލް ފޯނު ބިލަށް އެރި 312،928 ރުފިޔާ ހޯދަން ދައުލަތުން ދައުވާ ކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު 10:10 އަކަށް ސިވިލް ކޯޓުގައި ތާވަލްކުރިއެވެ.
އަސްލަމްގެ ފޯން ބިލަށް 312،928 ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން އެންޑް އެންވާރަމެންޓް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަސްލަމްގެ މޯބައިލް ފޯނު ބިލަށް 312،928 ރުފިޔާ އެ މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ކަމަށެވެ.
އަސްލަމް ފޯން ބިލް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަލުއްވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމުގައި ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ގާނޫނާ ޚިލާފަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ ކޮންސޮލިޑޭޓްޑް ރެވެނިއު ފަންޑަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.
އަސްލަމްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އިސް މަގާމްތައް އަދާކުރެއްވި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.