ވެލެންސިއާ އަތުން މޮޅުވުމަކީ ކުރިއަށް ދިޔުމަށް ގިރާ ކުރެވުނު މުހިއްމު ހަރުފަތެއް ކަމަށް އީގަލްސް ގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

މާލޭ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އަތުން ލިބުނު މޮޅަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހިތްހަމަޖެހިގެން ހުރެ ސާންތި ބުނީ މިއަދު އެ ލިބުނީ މުހިއްމު ތިން ޕޮއިްނޓް ކަމަށާއި ގަދަ ހަތަރަކަށް ކުރަމުން އަންނަ އުންމީދު އިތުރަށް އައު ވެއްޖެ ކަމަށެވެ.

އަހްމަދު ނާޝިދު (ނާއްޓެ) ކާމިޔާބުކުރި ލަނޑާއެކު ވެލެންސިއާ އަތުން އީގަލްސް ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން އިތުރަށް ސާންތި ބުނީ އީގަލްސް އަށް މިއަދި ގިރާ ކުރެވުނީ މުހިއްމު ހަރުފަތެއް ކަމަށާއި ކުރިއަށް އޮތް ތިން މެޗު ހަތަރު ޕޮއިންޓް ލިބުނު ކަމުގައިވިއަސް ގަދަ ހަތަރެއްގައި ލައްވާލާނެ ކަމަށެވެ.

މެޗަށް ފަހު މިވަގުތު ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ވެލެންސިއާގެ ކޯޗް އަހްމަދު މުޖްތަބާ (ފެސްކޯ) ބުނީ މިއަދުގެ މެޗުގައި ކުޅުންތެރިން ދެއްކީ ރަނަގަޅު ކުޅުމެއް ކަމަށާއި ކުރިއަށް ހުރި މެޗު ތަކުގައި ވެލެންސިއާއިން މަސައްކަތް ކުރާނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށް ކަމަށެވެ.

ވެލެންސިއާ އަތުން އީގަލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.