03 Jul 2017, 20:48
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ދޫނިދޫ ކުޑަގޮޅިއްގައި އޮންނަވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް ސޯޝަލް މީޑީއާގައި އާންމުވެއްޖެ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "ސަން"އަށް މިރޭ ވިދާޅުވީ ފޮޓޯއިން އެ ފެންނަނީ އަދީބުކަން ވަރަށް ޔަގީންވާ ކަމަށެވެ. އަދީބު އަވަހާރަފުޅު ލައްޕަވާއިރު އޮށޯވެގެން އޮންނަނީ ފޮޓޯއިން އެ ފެންނަ ގޮތަށް ކަމަށް ނަޝްވާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވަނީ އެ ފޮޓޯ، ޓުވީޓާގައްޔާއި ފޭސްބުކްގައި ވެސް އާންމު ކުރައްވައިފަ އެވެ. މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެއީ އަދީބު ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ފޮޓޯ އިން ފެންނަނީ އުސްކޮށް ހަދާފައިވާ އަށްޓެއް ކަހަލަ ތަނެއްގައި މީހަކު އޮށޯވެގެން އޮތް މަންޒަރެވެ. ބާލިހެއްގައި ބޯ އަޅައިގެން، އަރިއަކަށް އޮށޯވެގެންލައިގެން އޮތް އެ މީހާ އޮތީ ބާލިހެއްގައި ބައްދާލައިގެންނެވެ.
އެ ކުޑަގޮޅީގައި ކުޑަ މޭޒަކާއި މޭޒު މަތީގައި ފޮތްތަކެއް ހުންނަ މަންޒަރު ވެސް ފެނެ އެވެ. އަދި އެ މޭޒު ކައިރީ ގޮނޑިއެއް ވެސް ހުންނަ މަންޒަރު ވެސް ފެނެ އެވެ.
އެ ފޮޓޯއަކީ ދުވާލުގެ ގަޑީގައި ގޮޅިތެރެއަށް އަލި ވަދެފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އެވެ.
އެ ފޮޓޯއާ ގުޅޭ ގޮތުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "ސަން"އަށް ވިދާޅުވީ އެ ފޮޓޯ އިން ފެންނަ ގޮޅި އަދީބު ހުންނަވާ ގޮޅިއާ ވަރަށް ވައްތަރު ކަމަށެވެ. އަދި އެ ކުޑަގޮޅީގެ އަށިމަތީގައި އޮށޯވެލައިގެން އޮތީ އަދީބު ކަމަށް ލަފާކުރެވޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އަދީބު އޮންނެވި ކަމަށް ބުނާ ދޫނިދޫ ކުޑަގޮޅިއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަނެކެވެ. އެތަނުގައި ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
އާންމުވެފައިވާ ފޮޓޯއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފޮޓޯ އަކީ ދޫނިދޫ ގުޑަގޮޅިއެއްގެ ފޮޓޯއެއް ކަމަށާއި އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވާން ދިމާވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަހުމަދު އަދީބު ޖަލަށް ލާފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ޓަކައި އެމަނިކުފާނު ވަޑައިގެންނެވި ލޯންޗުކޮޅުގައި ބޮން ގޮއްވައިލި ހާދިސާއާ ގުޅިގެންނެވެ. ރައީސް ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި ބޮން ގޮއްވައިލީ އަދީބު އިސްވެ ހުންނަވައި، ރައީސް އަވަހާރަކޮށްލަން ކަމަށް ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.
ލޯންޗުކޮޅު ގޮއްވައިލި އިރު އެ ލޯންޗުކޮޅުގައި ރައީސް ޔާމީންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވެސް ދަތުރުފުޅު ކުރެއްވި އެވެ.
ރައީސް އަވަހާރަކޮށްލަން އަދީބު އިސްވެ ހުންނަވައިގެން ދިން ބޮމުގެ ހަމަލާގައި، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ މައި ބަދައަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯއްދެވި އެވެ.
އަދީބަށް ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަޑު އުފުލަމުން ދާ އިރު، ސިޔާސީ އެހެން ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް ވެސް ވާހަކަދައްކަމުންނެވެ. އެ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އެހެނިހެން ސިޔާސީ ބޭފުޅުންނާ އަދީބާ އަޅައެއް ނުކިޔޭނެ އެވެ.
އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި ނަމަ ފިލާނެކަން އެއީ ޔަގީން ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.