03 Jul 2017, 17:48
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތުލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހަތަރު ޑިރެކްޓަރަކު އައްޔަނުކުރަން ޖެހެއެވެ. އެ ކުންފުނިން ބުނީ، ކުރިމަތިލާ ފަރާތެއްގެ ކިބައިގައި، ކުންފުނީގެ ވިޔަފާރި ކުރިއެރުވުމުގެ ތަޖުރިބާ ހުންނަން ޖެހޭ ކަމަށެވެ. އަދި އެފަރާތެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެ ކަމަށާއި، އެފަރާތަކީ ބުއްދި ސަލާމަތުން ހުރި، އަދި 25 އަހަރުން މަތީ މީހަކަށް ވާންޖެހޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ބޯޑަށް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައިވާ ގޮތަށް ކުންފުނިތަކުގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއަޅާތީ، ބޯޑަށް ވެސް އަންހެން ކަނބަލުން ކުރިމަތިލުމަށް ހިތްވަރުދީ، އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
އެ ކުންފުނިން ބުނީ، އެމަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ޖުލައި 22 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިހާރު އެކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ހަތަރު މެމްބަރުން ތިއްބަވައެވެ. އެއީ މ. މެއިންޒް، މުހައްމަދު އިމްރާން އަދުނާނާއި ހއ. ކެލާ، ފީރޯޒުގެ، ފަތުހުﷲ އިސްމާއީލްގެ އިތުރުން މ. އިރާކުގޭ އަހްމަދު އަބޫބަކުރާއި، މ. ކަނޑުނީލަމުގޭ ނަޝްރަތު މުހައްމަދެވެ.
މި ހަތަރު ބޭފުޅުންގެ އިތުރުން ބޯޑުގައި ހިމެނޭ މެމްބަރުންނަކީ ޗެއާމަން އަހްމަދު ނިޔާޒް، މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޒިޔަތު، ހަސަން މުނީރު، އަހްމަދު އަބްދުﷲ، އަހްމަދު ކުރިކް ރިޒާ އަދި ނަޝިމާ އަބްދުލްލަތީފެވެ.