03 Jul 2017, 16:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއިކުރައްވާ މަންޒަރުގެ ވީޑިއޯ ވެސް އެބައޮތް ކަމަށް ތިމަަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި އަހުމަދު ރަޝީދު ސޮއިކުރެއްވީ އަމިއްލައަތުން ދިރިތިބި ދެ ހެކީންގެ ހާޒިރުގައި ކަމަށެވެ. އަދި އޭނާ ސޮއިކުރެއްވީ މާތްﷲގެ ހަޒުރަތުގައި ދުޢާ ދެންނެވުމަށްފަހު ކަމަށާއި ސޮއިކުރި މަންޒަރުގެ ވީޑިއޯ ވެސް އެބައޮތް ކަަމަށެވެ.
MP Ahmed Rasheed liye soe kuree amihla athun Dhirithibi 2 hekin ge haaziru ga. Adhi soe kuree Dhuvaa ves kohfa, video ves eba oiy.
— Mohamed Musthafa (@Thimarafushi)July 3, 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަހުމަދު ރަޝީދު ސޮއިކޮށްފައި ނުވާނެ ކަމަށް ޕީޕީއެމް އިން މިއަދު ބުނުމުން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ އެ މައްސަލާގައި ސޮއިކުރައްވާ ފޮޓޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަގޮތުގައި އޭނާ ސޮއިކުރައްވާއިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އެތަނުގައި އިންނަވައެވެ.

މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި އަހުމަދު ރަޝީދު ސޮއިކުރައްވަން އިންނެވި ކަމަށް ބުނާ ފޮޓޯ: އަހުމަދު ރަޝީދު ވިދާޅުވަނީ އެއީ ހަދާފައިވާ ފޮޓޯއެއް ކަމަށް ---
އެ ފޮޓޯއާ ގުޅިގެން އަހުމަދު ރަޝީދު މިއަދު ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާން ކަމަށާއި މިޒަމާނުގައި ފޮޓޯތައް އެޑިޓްކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.