އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުވީ ވެސް ސަރުކާރަށް ލިބުނު ބޮޑު މެޖޯރިޓީއަކާއެކުގަ އެވެ. މަޖިލީހުގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ސިޔާސީ ޕާޓީއަކަށް ލިބުނު އެންމެ ބޮޑު މެޖޯރިޓީއާއެކުގަ އެވެ. ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެމްބަރުނާއެކު 48 މެމްބަރުންގެ ސާފު އަޣުލަބިއްޔަތު އޮތް މަޖިލީހުގެ މެޖޯރިޓީ މިއަދު މި ވަނީ އެހެން ގޮތަކަށް ބަދަލުވެފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ ދެކޮޅަށް މިއަދު 11:03 ގައި މަޖިލީހަށް ވެއްދި އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. ސޮއިކުރި މެމްބަރުންގެ ތެރޭގައި ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމާދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވެސް ހިމެނިވަޑައިގެނަންވަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ަލީ ޝާހާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

މަސީހާ ދެކޮޅަށް ސޮއި ކުރެއްވި އިލްހާމް ފާހަގަ ކުރެވުނީ ރައީސް ޔާމީނާ ވަރަށް ގާތުން މަސައްކަތް ކުރައްވައި އިދިކޮޅު ފަރާތްތަކަށް ފާޅުގައިފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ބަހެއް ނުބުނެ ހުންނަތާ ދުވަސްކޮޅެއް ފަހުން މި ފެނުނީ އިދިކޮޅު ފަރާތްތަކަށް އިލްހާމް ގުޅިވަޑައިގެންނެވިތަނެވެ. ސަބަބެއް ނޭނގެ އެވެ.

މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ގައުމަށް ހެޔޮއެދިވަޑައިގެން ކަމަށެވެ. އަދި އޭނާ އެއްވެސް ފަރާތަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި، ރިޝްވަތު ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ ގައުމަށްޓަކައި،" އިބޫ ވިދާޅުވި އެވެ.

ޕީޕީއެމްގެ 10 މެމްބަރަކު މި ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އެއާއެކު ސަރުކާރަށް މަޖިލީހުން ލިބިފައި އޮތް ސާފު މެޖޯރިޓީ މި ވަނީ މުޅިން ބަދަލުވެފަ އެވެ. މަޖިލީހުގައި ޖުމްލަ 85 މެމްބަރުން ތިބޭއިރު މިހާރު ސަރުކާރު ފަޅީގައި ތިއްބެވީ 40 މެމްބަރުންނެވެ. އަދި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރައްވާ 45 މެމްބަރުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ލިސްޓުގައި 45 މެމްބަރުން ސޮއިކުރި ނަމަވެސް މަޖިލީހުގެ ތިން ބައިކޮށްފައި ދެބައި މެމްބަރުންގެ ވޯޓު މަސީހާ ދެކޮޅަށް ލިބޭނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ފާހަގަކުރަނީ މިއަދަކީ "އުފާވެރި އީދެއް"ގެ ގޮތުގަ އެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުން މިއަދަކީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތައް ނަސްރު ލިބުނު ތާރީހީ ދުވަހެކެވެ.

ކަން މިހެން ހިނގާފައި ވަނިކޮށް މަޖިލީހަށް ވެއްދި މައްސަލައާ ގުޅިގެން ތުހުމަތުތަކެއް ވެސް މި ވަނީ ކުރެވެން ފަށާފަ އެވެ. އެއީ ލިސްޓުގައި ވަގު ސޮއި ކުރި ކަމުގެ ތުހުމަތެވެ. ޕީޕީއެމްގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވާ ގޮތުން އެބޭފުޅާ ލިސްޓުގައި ސޮއެއް ނުކުރައްވަ އެވެ. އެބޭފުޅާ ސޮއި ވަގަށް ކޮށްފައިވަނީ އެހެން ބައެކެވެ.

އަހުމަދު ރަޝީދު ވަނީ އެކަން ކުރި ބައެއް ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލީހުގެ ރައީސަށް މިއަދު ސިޓީއެއް ވެސް ފޮނުވާފަ އެވެ.

މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމުން ސޮއިކުރި ކަމަށް ބުނާ ބައެއް މެމްބަރުން ސޮއި ނުކުރާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއީ ވަގު ސޮއި ކަމަށް ބުނަމުންދާ ކަމަށާއި އެހެންކަމުން މަޖިލީހަށް ހުށަހަޅާފައިވާ އެ މައްސަލަ ބާތިލު މައްސަލައަކަށް ވާން ޖެހޭ ކަމަށެވެ.

މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ މިއީ ހަތަރު ވަނަ ފަހަރެވެ. ވޭތުވެދިޔަ ތިން ފަހަރު ވެސް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަތައް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ނަމަވެސް މިފަހަރު މި ހުށަހެޅީ ކާމިޔާބުވާނެ ވަރުގެ ވޯޓުގެ އަދަދަކާއެކުގަ އެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިބީ ވަރަށް ސާބިތުވެ އެވެ. "ސޮއިކުރިޔަސް ވޯޓު ނުދޭނެ" ކަމަށް ވިދާޅުވަމުން އެބަގެންދަވަ އެވެ. އިދިކޮޅު މެމްބަރުންގެ އެ ހިނިތުންވުމަށް ސަރުކާރު މަޖިލިސް މެމްބަރުން ދިން ރައްދަކީ އެއީ އެވެ.