ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެހެން އަހަރެކޭ ވެސް އެގޮތަށް މި އިނާމު މި އަހަރު ދިނުމަށް ހުށަހެޅިފައި ވަނީ ފަސް ދަރަޖައަކުންނެވެ. އެ ދަރަޖަތަކަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުމާއި މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެ މަތީ ވަނައެއް ހޯދުމާއި ބައިނަލް އަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވު ވެސް ހިމެނެ އެވެ. މީގޭ އިތުރުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސް އިނާމަށް ޝަރުތު ހަމަވާ ކަމެކެވެ.

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރު ހުޅުއްވައިލެއްވީ ތިން ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ

(ހ) ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)
(ށ) ދިވެހި ފަންނާނުންގެ ޢަރަބިލިޔުމާއި ދިވެހިލިޔުމުގެ ހުނަރުވެރިކަމުގެ ކެލިގުރަފީ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)
(ނ) ކުޑަކުދިންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: ދިވެހިބަހުގެ އެކެޑަމީ)

ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، މިއަހަރުގެ އޮގަސްޓު މަހުގެ 17ވާ ބުރާސްފަތި ދުވަހެވެ. ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިއަހަރުވެސް ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.