މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އޭގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ވަގު ސޮއެއް ކޮށްފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.

އަހުމަދު ރަޝީދު ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ނަމުގައި ކޮށްފައިވާ ސޮޔަކީ ސައްހަ ސޮއެއް ނޫން ކަމަށެވެ.

އަދި އެމަނިކުފާނުގެ ސޮއި އެގޮތަށް ކޮށްފައިވާ ފަރާތްތައް ބައްލަވައި ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިބް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

މަޖިލީހަށް މަސީހާ ދެކޮޅަށް ވެއްދި މައްސަލާގައި ކޮށްފައިވާ ސޮޔާ މަސީހަށް ފޮނުވި ސިޓީގައި އަހުމަދު ރަޝީދު ކޮށްފައިވާ ސޮއި ތަފާތެވެ. އެއް ސޮއި ކޮށްފައިވަނީ އިނގިރޭސިންނެވެ. އަނެއް ސޮއިކޮށްފައިވަނީ އަރަބިންނެވެ.

އަހުމަދު ރަޝީދު ސޮއި ނުކުރާ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއިކުރައްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ފޮޓޯގައި އަހުމަދު ރަޝީދާއެކު އިންނެވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނެވެ. ސޮއިކުރައްވަން އިންނެވި މަންޒަރު ފޮޓޯއިން ފެންނައިރު ކައިރީގައި އަހުމަދު ރަޝީދުގެ ފޯނާއި، ސައިކަލުގެ ތަޅުދަނޑިވެސް އޮތެވެ.

އެފޮޓޯއާއި ގުޅޭގޮތުން ރަޝީދު ވިދާޅުވީ މިޒަމާނުގައި ފޮޓޯއަކީ ހެދޭއެއްޗެއް ކަމަށާއި އެއީ ހަގީގަތް ނޫން ކަމަށެވެ.