އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވައިފިއެވެ.

އާޒިމާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ތުހުމަތު ކުރީ ސަންގު ޓީވީގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން ހިތްވަރުލިބޭގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި އިތުބާރު ގެއްލުވާލުމަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.

އާޒިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ހުށަހެޅި ސިޓީއެއްގެ ޖަވާބުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާނުކުރަން ނިންމައި މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކޮއްކޮ އެވެ.