ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަލާގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނުވަ މެމްބަރަކު ސޮއިކުރެއްވި ނަމަވެސް އެ މެމްބަރުން މަސީހާ ދެކޮޅަށް ވޯޓް ނުދެއްވާނެ ކަމަށާއި މިއީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުން ނޫންކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ބުނެފި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މިއަދު ވައްދާފައިވާ އިރު އޭގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހިމެނެއެވެ. އަދި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް ހިމެނިވަޑައިގަންނެވެއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ސަން އަށް ވިދާޅުވީ ޕީޕީއެމް މެމްބަރުންގެ ސޮއި ހޯދާފައިއެވަނީ އެކިކަންކަމާއި އެެ މެމްބަރުން ހިތްހަމަ ނުޖެހިފައިތިބި ދަނޑިވަޅުތަކުގެ ފުރުސަތު ބޭނުންކޮށްގެން ކަމަށާއި ނަމަވެސް ވޯޓާއި ހިސާބަށް ދާއިރު އެމެމްބަރުން ސަރުކާރާއި އެއްކޮޅަށް ވޯޓް ދޭނެ ކަމަށެވެ.

"ސޮއިކުރީ ކިއްވެ ކަމެއްނޭނގެ، އަދި ސޮއިކުރިޔަސް ވޯޓް ދޭނެ ކަމަށް ގަބޫލެއް ނުކުރަން، އެ މެމްބަރުން އެކި ތަންތަނާއި ހިތްނުތަނަވަސްވެފައި ވަނިކޮށް މަސައްކަތްކޮށްގެން ވޯޓް އެހޯދަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެމައްސަލަ ވެއްދުމަށް އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއިކޮށްފައިވާ ކަމަށް ގަރާރުގައި ވީނަމަވެސް އެއީ ދޮގެއް ކަމަށް އެމެމްބަރު ޔަގީންކަން ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސީހް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއިކުރި މެމްބަރުން ރޭގައި ވެސް ސަރުކާރާ އެކު ހުރިކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ނިހާން އެހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ތިބީ 45 މެމްބަރުން އެކަނި ނޫން ކަމަށާއި އެއަށްވުރެ ގިނަ މެމްބަރުން އިދިކޮޅު ފަރާތްތަކާއެކު އެބަތިއްބެވި ކަމަށެވެ.

މިއީ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެމައްސަލަ ކާމިޔާބުވެފައެއްނުވެއެވެ.