ކ. ދިއްފުށީގެ ކައުންސިލް އިދާރާގައި ހުރި ތިޖޫރީއެއް ފަޅާލައި އަނެއް ތިޖޫރީ ވަގަށް ގެންގޮސް ފައިސާތަކެއް ވަގަށް ގެންގޮސްފި އެވެ.

ދިއްފުށިން ސަން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ކައުންސިލް އިދާރާގެ ބިއްދަށު ފަރާތުން ފަޅާލައިގެން ވަދެ، އެއް ތިޖޫރީ ގެންގޮސްފައިވާ ކަމަށާއި އަނެއް ތިޖޫރީ ފަޅާލާފައިވާ ކަމަށެވެ.

"އެއް ތިޖޫރީ ހުރީ ފާރު ތެރޭގައި ހަރުކޮށްފައި، އެ ތިޖޫރީ ވަނީ ދޮރުހަލާކުކޮށްލާފައި. ތަނެއްގައި ހަރު ނުކޮށް އިން ތިޖޫރީ ގެންގޮސްފައި ވަނީ،" އޭނާ ބުންޏެވެ.

އެ ދެ ތިޖޫރީގައި ލައްކައެއްހާ ރުފިޔާ ހުންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަަށް ވިދާޅުވީ ދިއްފުށީ ކައުންސިލްގެ ތިޖޫރީ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަނދުނު 8 ޖަހާއެހާކަންހާއިރު ކަމަށެވެ.