03 Jul 2017, 14:34
ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ކޮންޓްރޯލެއް ނެތި ރާއްޖެއަށް ކާޑު އެތެރެ ކުރަން ފަށައިފިއެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި ބޭރުކުރާ މިންވަރު ކޮންޓްރޯލްކުރުމަށް ގެންގުޅޭ ސިޔާސަތުތަކުގައި ރާއްޖެ ނުހިމެނޭނެއެވެ. އެހެން ކަމުން މިއަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް، ފިޔާ، އަލުވި އަދި ކާޑުގެ ބާވަތްތައް ކޮންޓްރޯލެއް ނެތި ރާއްޖެއަށް އެތެރެ ކުރެވޭނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް 11614.4 ޓަނުގެ އަލުއްވާއި، 19466.4 ޓަނު ފިޔާ، 67640.2 ޓަނުގެ ހަނޑޫ، 59442.2 ޓަނުގެ ގޮދަން ފުށް އަދި 11706.3 ޓަނުގެ ހަކުރު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުންވަނީ ދީފައެވެ.
އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ އެއްބަސްވުން ތަންފީޒުކޮށްފައިވަނީ ނިމިދިޔަ އޭޕްރީލް މަހުން ފެށިގެން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮންޓްރޯލެއް ނެތި ރާއްޖެއަށް ކާޑު އެތެރެ ކުރެވުނު ނަމަވެސް، އެފަދަ ތަކެތި އެގައުމުން ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ކުރިން އެގައުމުގެ ކެބިނެޓާއި ޑިޕާޓްމަންޓު އޮފް ކެމިކަލްސް އެންޑް ޕެޓްރޯ ކެމިކަލްސް، ސީޑަބްލިއުސީ، ޑިސާމަމެންޓް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ އެފެއާސްއާއި ޑިވިޝަން އޮފް އެކްސްޓާނަލް އެފެއާސް މިނިސްޓްރީއަށް، އެކްސްޕޯޓު ކުރުމުގެ 30 ދުވަސް ކުރިން އެކަން ލިއުމަކުން އަންގަން ޖެހޭނެ އެވެ.