ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން ކ. ކޮށްދިއްޕަރުގައި ތަރައްގީކުރި "ގްރޭންޑް ޕާކް ކޮށްދިއްޕަރު" ރިސޯޓު ހުޅުވައިފި އެވެ. ކޮށްދިއްޕަރު ރިސޯޓު ހުޅުވީ ނިމިދިޔަ ޖޫން މަހުގެ ފަހުކޮޅު އެވެ.

ކޮށްދިއްޕަރު ރިސޯޓަކީ "ކޮށްދިއްޕަރު އިންވެސްޓްމެންޓްސް" ކިޔާ ދިވެހި ކުންފުންޏަކުން ތަރައްގީކުރަމުން އައި ރިސޯޓެކެވެ. އެހެން ނަމަވެސް އެ ކުންފުނިން މިދިޔަ އަހަރު އެ ރިސޯޓު، ސިންގަޕޫރުގެ ކުންފުންޏަށް ވިއްކާލީ އެވެ.

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓު --

ޕާކް ހޮޓެލްސްގެ "ގްރޭންޑް ޕާކް" ބްރޭންޑްގެ ދަށުން ހުޅުވި ކޮށްދިއްޕަރުގައި 120 ވިލާ ހުރެ އެވެ. އޭގެ ތެރެއިން 65 ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުރެ އެވެ. ކޮށްދިއްޕަރުގެ 120 ވިލާގެ ތެރޭގައި ބީޗް ޕޫލް ވިލާ، އޯޝަން ވޯޓާ ވިލާ، ލެގޫން ވޯޓަރ ވިލާ، އޯޝަން ޕޫލް ވިލާ އަދި ލެގޫން ޕޫލް ވިލާ ހުރެއެވެ. ހުރިހާ ވިލާއަކުން ވެސް އިރު އަރައި، އޮއްސޭ މަންޒަރު ފެންނަ އިރު، އެތަންތަނުގައި ސަން ޓެރަހަކާއި އިންޑޯ އަދި އައުޓްޑޯ ޝަވަ ފެސިލިޓީސް ހުރެ އެވެ.

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓު --

މީގެ އިތުރުން ދެ ކޮޓަރިއާއި، ބޮޑު ޕްރައިވެޓް ޕޫލަކާ އެކު ހަދާފައިވާ ފަސް ގްރޭންޑް ރެޒިޑެންސްވެސް އެ ރިސޯޓުގައި ހުރެ އެވެ.

ކޮށްދިއްޕަރު ރިސޯޓު ޑިޒައިންކޮށްފައި ވަނީ އެމެރިކާގެ ހޮސްޕިޓެލިޓީ ޑިޒައިން ކުންފުނި، ހާޝް ބެޑްނަރ އެސޯސިއޭޓްސްއިންނެވެ.