ޅ. ހިންނަވަރު، އިސްމާއިލް އުމަރު، 54، މަރަށް 17 ދުވަސްވެފައިވާ އިރު އޭނާ މަރާލާފައިވަނިކޮށް ފެނުނު ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓް އަދި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެފެކްޓްރީ އަދި ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ތަހުގީގް ކުރިއަށްދާ ކަމަށެވެ.

ފުލުހުން އިހަވަންދޫ އައިސް ޕިލާންޓް ސަރަހައްދުގައި ހަރަކާތްދެރިވަނީ----ސަން ފޮޓޯ މުހައްމަދު އަފްރާހް

ސަން އަށް އެނގިފައިވާ ގޮތުގައި އެފެކްޓްރީގެ މުވައްޒަފުން ވެސް އެފެކްޓްރީއަށް ވަނުމުގެ ހުއްދަ އަދި ނުދެ އެވެ. އުތުރުގެ މަސްވެރިންނަށް އައިސް ވިއްކާ އެފެކްޓްރީގައި ހުރީ ތަޅުއަޅުވައިފަ އެވެ.

"އަދިވެސް ޓޭޕް ދަމާފައި ހުރީ، ކުރިން ފުލުހުން ޑިއުޓީގައި ތިބި، އެކަމަކު މިހާރު އައިސް ދޭތެރެދޭތެރެއިން ބަލާލަނީ،" ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

މީގެ ކުރިން ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކަށް ބަލާއިރު އެމައްސަލަ ތަހުގީގްކޮށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ފުލުހުން އެސަރަހައްދެއް ދޫކޮށްލަ އެވެ.

ފުލުހުން ވަނީ އެފެކްޓްރީގެ ތެރެއިން ވަޅިއެއް ހޯދައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ އިއްސެ މަރާލުމަށް ހަމަލާދިން ވަޅި އެވެ.

އިއްސެގެ މަރާ ގުޅުގެން ހައްޔަރު ކުރި ހަ ބިދޭސީންގެ ބަންދަށް އިއްޔެ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ -- ސަން ފޮޓޯ

އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އިއްސެއާ އެކު އެތަނުގައި މަސައްކަތްކުރާ ޝުމަންމިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ހައްޔަކުރީ ހދ. ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ. ފުލުހުން މީގެ ކުރިން ބުނީ ތަހުގީގުން ޝުމަންމިއާ ސުވާލު ކުރުމުން އިއްސެ މަރާލި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އަނެއް ފަސް ބިދޭސީންނަށް ކުރަނީ އިއްސެ މާރާލުމަށް ޝުމަންމިއާއަށް އެހީތެރިވި ކަމުގެ ތުހުމަތެވެ.

މިދިޔަ މަހު 16 ވަނަ ދުވަހު އިއްސެގެ ހަށިގަނޑު ފެނިފައި ވަނީ ބޮޑެތި ޒަހަމްތަކަކާ އެކު އޭނާ މަސަތްކަތްކުރާ އައިސް ޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމްގައި މަރުވެފައި އޮއްވަ އެވެ. ކަރުގައި އެއްޗެއް އަޅުވައި ބާރުކުރުމުގެ ސަބަބުން ކަރުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްސެއާއި ޝުމަން މިއާއާ ދެމީހުންނަކީ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ދެ މީހުންނެވެ. އިހަވަންދޫގައި 300 ވަރަކަށް ބިދޭސީން ދިރިއުޅޭ އިރު އެމީހުން ބަނގުލަދޭޝްއަށް ފޮނުވުމަށް ފައިސާ ޝުމަން މިއާ އާއި ހަވާލުކުރާ އިރު އޭނާ އިއްސެ މެދުވެރިކޮށް އެފައިސާ ބަނގުލަދޭޝްއަށް ފޮނުވާކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.