14:30


ދުނިޔޭގައި މިއަދު ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅުވައިގެން އައިސީޓީ އިންކިއުބޭޓަރެއް ހުޅުވައިފި އެވެ.


ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރުގެ ގޮތުގައި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ރަށްތައް ކުރިއެރުން: އައި.ސީ.ޓީގެ ޒަރީއާއިން ދިރިއުޅުން ރަނގަޅުވުން". މެވެ.


އިންފޮމެޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ އައި.ސީ.ޓީގެ ދާއިރާއިން މީހުން އިތުރަށް ބިނާ ކުރުމަށްޓަކައި ހުޅުވި އިންކިއުބޭޓަރ އިމާރާތަކީ މީގެ ސަބަބުން މިދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި ކުންފުނިތަކަށް ތައާރަފްވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ތަނެއް ކަމަށް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނެ އެވެ.


ނެޝެނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލަޖީ އާއި ކޮމިއުނޭކަޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި ވަތަނިއްޔާ މޯލްޑިވްސް އާއި ގުޅިގެން ހިންގާ އައިޓީ އިންކިއުބޭޓަރ ފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަހުމޫދު ރާޒީ އެވެ.


އައިޓީ އިންކިއުބޭޓަރ އެއް ހިންގުމަށްޓަކައި އެމްއޯޔޫ އެއްގައި މިމަހުގެ 10 ވަނަ ދުވަހު ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމިއުނޭކަޝަން އޮތޯރިޓީ އަދި ވަތަނިއްޔާ އިން ވަނީ ސޮއިކޮށްފަ އެވެ. އަދި އެ އެމްއޯޔޫގެ ދަށުން ވަތަނިއްޔާއިން ވަނީ އައި.ސީ.ޓީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ވަތަނިއްޔާ ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން އައިސީޓީ އިންކިއުބޭޓަރ ތިން އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށާއި އެ މުއްދަތުގައި އިންކިއުބޭޓަރ ހިންގުމަށް ހިނގާނެ ޚަރަދު ދޭގޮތަށް އެއްބަސްވެފަ އެވެ. މިއީ ރާއްޖޭގައި މިގޮތަށް ގާއިމްކުރި ފުރަތަމަ އިންކިއުބޭޓަރ ފެސިލިޓީ އެވެ.


މި އިންކިއުބޭޓަރ ހުޅުވައިދެއްވަމުން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން ކޮމިއުނިކޭޝަން މަހުމޫދު ރާޒީ ވިދާޅުވީ އިންފޮމޭޝަން ޓެކްނޮލަޖީ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަންނު ތަރައްގީ ކުރުމަށާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށާއި، ދިވެހިވަންތަ ޕްރޮޑަކްޓްސްތައް ތައްޔާރުކޮށް ދުނިޔޭގެ މާކެޓަށް ތަކެތި ނެރުމަށް މިއީ ރާއްޖޭގެ ޒުވާނުންނަށް ހުޅުވާލެވޭ އަގުހުރި ފުރުސަތެއް ކަމަށެވެ.


އިންކިއުބޭޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އައިޓީ ދާއިރާގައި މަސައްކަތް ކުރައްވާ އަދި މިދާއިރާއަށް ޝައުގުވެރިވާ ދިވެހި ފަންނުވެރިންނާއި އިންފޮމޭޝަން ޓެކްނޮލަޖީ ކުންފުނިތަކުން މިހާތަނަށް ތައްޔާރު ކޮށްފައިވާ ސޮފްޓްވެއާތަކާއި، ވެބްސައިޓްތަކާއި އަދި އެހެނިހެން އުފެއްދުން އާންމުކޮށް ދައްކާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި މިއަދާ މާދަމާގެ މުއްދަތަށް އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.