02 Jul 2017, 23:49
މާލޭ ލީގުގައި ކްލަބު އީގަލްސް އަދި ގަދަ ހަތަރެއްގައި ހިމެނެން ބޭނުންވާ ކޮންމެ ޓީމަކަށް ވެސް ޕްރެޝަރު އޮންނާނެ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި) ބުނެފި އެވެ.
މާލޭ ލީގުގައި ކްލަބު އީގަލްސް އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. އީގަލްސްއަށް ކުޅުނު ދިހަ މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެކެވެ. ދެ ވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 21 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.
މާދަމާ ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ސާންތި ބުނީ، ޒުވާން ކުޅުންތެރިންނަށް ޕްރެޝަރު އޮންނާނެ ކަމަށާއި އެ ކުޅުންތެރިންނަށް ގިނަ މެޗު ލިބޭނަމަ އެ ޕްރެޝަރު ކުޑަވާނެ ކަމަށެވެ.
"އީގަލްސް އެކަންޏެއް ނޫން. ކޮންމެ ޓީމަކަށް ވެސް ގަދަ ހަތަރަކަށް ވަންނަންޏާ ޕްރެޝަރު އޮންނާނެ. ވަރުގަދަ މިކިޔާ ބޮޑެތި ޓީމުތަކަކީ ފުދޭ ވަރަކަށް ރަނގަޅަށް ކުޅޭ ޓީމުތަކެއް. ވާ ގޮތަކީ ޕްރެޝަރު ބޮޑުވީމަ އަޅުގަނޑުމެންގެ ޕްލޭޔަރުންނަށް އެ ޕްރެޝަރުގެ ތެރޭގައި ހިފަހައްޓާލަން އުނދަގޫވޭ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ބުނާނީ މި ތިބަ ޅަ ޕްލޭޔަރުން ގިނައިން ކުޅޭނަމަ އެކަންކަން ދާނެއޭ. އީގަލްސްއަށް ޕްރެޝަރު ވަރަށް ބޮޑު. އީގަލްސްއަށް ފަރުޖައްސާލެވޭކަށް ނެތް،" އީގަލްސްގެ ކޯޗު ސާންތި ބުންޏެވެ.
ސާންތި ބުނީ، އީގަލްސުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން ބޭނުންވާނަމަ އެންމެ މަދުވެގެން ހަ ޕޮއިންޓް ބޭނުންވާ ކަމަށާއި އެ ޓީމަށް ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށެވެ. އަދި ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު، ގްރީން ސްޓްރީޓްސް، ނިއު ރޭޑިއަންޓާ ދެކޮޅަށް ވެސް އީގަލްސުން ނުކުންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާއާ ދެކޮޅަށް އީގަލްސް ނުކުންނަން ޖެހޭނީ މާދަމާ ހަވީރު 4:00ގަ އެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-0 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސްއެވެ.