17 Jul 2011, 14:59
މުޖުތަމައަށް ނުރައްކާތެރި ކުށްވެރި އެއް ކަމަށް ފުލުހުން ތުހުމަތުކޮށް ފޮޓޯ އާންމުކުރި ހައްސާން އަލީގެ މައްޗަށް ދައުލަތުން ދައުވާ ކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގައި އެކަށީގެންވާ ވަރަށް ދައުލަތަށް ހެކި ނުދެއްކުމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި އެވެ.
ގދ. ފަރެސްމާތޮޑާ ހައްސާން 22،ގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ޖަލާލުއްދީން މިސްކިތް ކުރިމަތީގައި މީގެ ހަތަރު އަހަރު ކުރިން ހިންގި މާރާމާރީއެއްގައި މއ. ޝޭޑީކެބިން، މުހައްމަދު ސުހައިބަށް ހަމަލާދިން ކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ 2008 ވަނަ އަހަރުގެ އޯގަސްޓް 12 ދުވަހުގެ ރޭ ހައްސާން، ސުހައިބުގެ ކަރަށް ބެނެޓް ވަޅިއަކުން ހަމަލާދިން ކަމަށް ބުނެ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެއްވެސް މީހަކު ހައްސާން އެފަދަ ކަމެއް ކޮށްފައިވާ ކަމަށް ނުބުނާ ކަމަށެވެ. އަދި މި ދަޢުވާ ސާބިތު ކުރުމަށް އެކަށީގެންވާ ވަރަށް ދަޢުލަތަށް ހެކި ދެއްކިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.
މި ދަޢުވާގެ އިތުރުން ވެސް ހައްސާންގެ މައްޗަށް ދަޢުލަތުން ކުރާ އިތުރު ދަޢުވާ އެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު 16 ނަންބަރު ގާޑިޔާ ކައިރީގައި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެކެވެ.