ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭ މަރާލާފައި އޮތްވާ ފެނުނު ޅ. ހިންނަވަރު، އިސްމާއިލް އުމަރު، 54،ގެ މަރާ ގުޅިގެން ހައްޔަރުކުރި ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އިއްސެގެ މަރާ ގުޅުގެން ހައްޔަރު ކުރި ހަ ބިދޭސީންގެ ބަންދަށް މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރާ ޝުމަންމިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ހައްޔަކުރީ ހދ. ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ. ފުލުހުން މީގެ ކުރިން ބުނީ ތަހުގީގުން ޝުމަންމިއާ ސުވާލު ކުރުމުން އިއްސެ މަރާލި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އަނެއް ފަސް ބިދޭސީންނަށް ކުރަނީ އިއްސެ މާރާލުމަށް ޝުމަންމިއާއަށް އެހީތެރިވި ކަމުގެ ތުހުމަތެވެ.

މިދިޔަ މަހު 16 ވަނަ ދުވަހު އިއްސެގެ ހަށިގަނޑު ފެނިފައިވަނީ ބޮޑެތި ޒަހަމްތަކަކާއި އެކު އޭނާ މަސަތްކަތްކުރާ އައިސް ޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމްގައި މަރުވެފައި އޮއްވާއެވެ. ކަރުގައި އެއްޗެއް އަޅުވައި ބާރުކުރުމުގެ ސަބަބުން ކަރުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.