02 Jul 2017, 19:35
ވައިބާރުވެ ދޮރުފަތެއް ލެއްޕުމުގެ ސަބަބުން އަތަށް ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރު ދުވަސްވީ މީހެއް، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ ތ. މަޑިފުށީގެ އުމުރުން ދުވަސްވީ އަންހެނެކެވެ.
މަޑިފުށީ ކައުންސިލްގެ ނައިބް ރައީސް ނާހިދު އައްބާސް 'ސަން'އަށް ވިދާޅުވީ ގަދަ ވަޔާއެކު ގޭގެ ދޮރުލެއްޕުމުގެ ސަބަބުން އެ އެންހެން މީހާގެ ތިން އިނގިއްޔެއް ވަނީ ވަކިވެފައި ކަމަށާއި ލޭ މަނާ ނުވުމުގެ ސަބަބުން ޑޮކްޑަރުން ލަފާދިނީ ވަގުތުން މާލެ ގެންދިއުމަށް ކަމަށެވެ.
"އެ ހާދިސާ ހިނގުމާ އެކު އަންހެންމީހާ ވަނީ ވަގުތުން ސިއްހީ މަރުކަޒަށް ގެނައިސް ފަރުވާ ދޭން ފަށާފައި. އަދި ހާލު ގޯސްވުމުން ކައުރީގައި އޮތް ދިޔަމިގިލީގެ ޑޮކްޓަރު ގެނައިސް ވެސް ވަނީ ފަރުވާ ދީފައި،" ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު އެ ރަށަށް ޖައްސާފައި ވަނީ މިއަދު މެންދުރު އެކެއް ޖަހަނިކޮށް ކަމަށާއި ހެލިކޮޕްޓަރުގެ އެހީގައި އަންހެންމީހާ މޭލެ ގެނައިސް ފަރުވާ ދެމުންދާ ކަމަށެެވެ.