02 Jul 2017, 19:52
ނިމި ދިޔަ ރޯދަ މަހުގެ ފަހު ދިހައަކަށް މަޖިލިސް މެދު ކަނޑާލުމަށްފަހު އަލުން ޖަލްސާތައް ފެށުމަށް މާދަމާއަށް އެޖެންޑާކޮށްފި އެވެ. މަޖިލިސް މަދަމާ ބާއްވަނީ 17 ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެއް ފަހު މަޖިލީހުން ރަސްމީކޮށް ވަކި އެއްޗެއް އެންގުމަކާ ނުލާ މިއަދާ ހަމައަށް އަދި ޖަލްސާއެއް ވަނީ އެޖާންޑާ ނުކޮށެވެ.
ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން އޭރު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އީދު ޗުއްޓީ ބަންދަށް ފަހުގައި ކަމަށް ބުނެފައެވެ.
މަޖިލިހުގެ ގަވާއިދުގައި ބުނާ ގޮތުން ކޮންމެ ހަފްތާއަކު ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާ ބާއްވަން ޖެހެ އެވެ. ދޮޅު މަހުގެ ޗުއްޓީއަކަށްފަހު މަޖިލިހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް ބާއްވާފައި ވަނީ ހަ ޖަލްސާއެވެ.
މަދަމާ ޖަލްސާއަށް ވަނީ އެންވައިރުމެންޓް މިނިސްޓަރު ތާރިގް އިބްރާހިމާ ސުވާލު ކުރުމަށް އެޖެންޑާކޮށްފައެވެ. ތާރިގު މަޖިލީހަށް ހާޒިރުކުރަނީ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒު އެ ދާއިރާގެ ފަސް ރަށެއްގައިި ފެނާއި ނަރުދަމާއާ ގުޅޭ ގޮތުން ކުރެއްވުމަށް ހަމަޖެހިފައިވާ ސުވާލަކާ ގުޅިގެންނެވެ.