ވޮޝިންގޓަން : (17 ޖުލައި) އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ކުއްލި ޙަމަލާތަކެއްދިނުމުގެ ސިއްރު ޕްލޭނެއް ތަންފީޒުކުރަން އިސްރާއީލު މަސައްކަތްކުރަމުން ގެންދާކަން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާގެ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ ރޮބަޓް ޕަޔާ ހާމަކުރައްވައިފިއެވެ.

ޕަޔާ އާ ޙަވާލާދީ ޔަހޫދީ ވެބްސައިޓެއް ކަމަށްވާ "ވައިނެޓް ނިއުޒް" ބުނިގޮތުގައި އީރާނަށް ކުއްލި ވައިގެ ޙަމަލާތަކެއް ދިނުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ރާވާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްލާންކުރުމުގެ މައްސަލަ އދ. އަށް ވައްދާ ދުވަސްވަރާ ދިމާކޮށެވެ.

އެދަނޑިވަޅުގައި އީރާނަށް ކުއްލި ހަމަލާތަކެއް ދިނުމުން އީރާނުގެ ނިއުކްލިޔަ މަރުކަޒުތައް ހަލާކުކޮށްލެވުމުގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ން އިޢްތިރާފް ވުމުގެ ކަންތައްވެސް ޚަރާބު ކޮށްލެވޭނެ ކަމަށް ނަތަނިޔާހޫ ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ކުރީގެ ޖާސޫސީ މަސްއޫލުވެރިޔާ ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ނަތަނިޔާހޫގެ ސްޓްރެޓެޖީ ބިނާވެފައިވަނީ އީރާނުގެ އެންމެ ބޮޑު ނިއުކްލިޔަރ ރިއެކްޓާ ކަމަށްވާ ނަތަންޒް އަށާއި އެނޫންވެސް ބައެއް ނިއުކްލިޔަރ ލެބޯޓްރީ ތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދިނުމަށްފަހު މިހަނގުރާމައަށް އެމެރިކާވެސް ވެއްދުމަށެވެ.

އިސްރާއީލުގެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ޢިރާޤުގައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް އީރާނުން ޙަމަލާދޭނެކަމަށާއި އެހިސާބުން އީރާނާދެކޮޅަށް އިސްރާއީލު ފަށާހަނގުރާމައިގާ އެމެރިކާވެސް ބައިވެރިވާނެކަމަށް ބަލައިގެން ނަތަނިޔާހޫ ހަނގުރާމައިގެ ސްޓްރެޓެޖީތައް ރާވާފައިވާ ކަމަށް ޕަޔާ އާ ޙަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ވެސް ބުނެއެވެ.

ޕަޔާ ވަނީ އީރާނާ ތޮޅުމަށް ނަތަނިޔާހޫ އެކުލަވާލައްވާފައިވާ މިޕްލޭނަކީ ބޮޑުވެގެންވާ ކާރިޘާއެއް ކަމަށް ސިފަކުރައްވައި މިކާރިޘާއިން ޚުދު އިސްރާއީލަށްވެސް ސަލާމަތްނުވެވޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ޢިރާޤާއި އަފްޣާނިސްތާން ހަނގުރާމައިގެ ހިތި ތަޖްރިބާތަކަށްފަހު އީރާންފަދަ ބޮޑު ޤައުމަކާއެކު ހަނގުރާމައަކަށް ވަންނަން އޮބާމާގެ ސަރުކާރުން ބޭނުންނުވާނެކަމާއި އީރާނާ ހަނގުރާމަ ކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާ ސިފައިން މެދުއިރުމަތީގައި މިހާރުނެތް ކަމަށްވެސް ޕަޔަރ ވިދާޅުވެފައިވެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް