މިއަދު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ މީގެކުރިން އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދިޔައީ މެމްބަރުން ބައެއް ކަންބޮޑުވުންތައް ފާހަގަކުރުމުން ކަމަށާއި އެކަންތައްތަކުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު އެ ގާނުނަށް އަލުން އިސްލާހު ހުށަހަޅާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެފަހުން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކުރީ ކޯޓު އަމުރެއް ނެތި ބައެއް ތަންތަނަށް ފުލުހުންނަށް ވަދެވޭގޮތަށް އިސްލާހު ހުށަހަޅާފައިވާތީއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެފައި ވަނީ އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޕީޖީ އޮފީހުން ވެސް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ. އަދި އެ އިސްލާހުތަކަކީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖޭ އިސްލާހުތަކެއް ކަމަށް ވެސް ބިޝާމް ވިދާޅުވިއެވެ.

"މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން އަންނާނެ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ދެނެގަނެ މައްސަލަތަށް އަމާޒުވާނެ ފަދައިން އެ މައްސަލަތައް ހައްލުވާނެ ފަދައިން ގިނަ އިސްލާހުތަކެއް މިހާރު ވާނީ އޭޖީ އޮފީހަށް ފޮނުވާފަ،" ބިޝާމް ވިދާޅުވިއެވެ.