02 Jul 2017, 16:25
މިއަދު މެންދުރު މާލެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ޒަހަމްވީ ހަތަރު މީހުން ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު، އަހުމަދު މައުސޫމް "ސަން" އަށް ވިދާޅުވީ އެހާދިސާގައި ފިހިފައިވާ ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށާއި އެމީހުންގެ ހާރު ސީރިއަސް ނޫން ކަމަށެވެ. އަދި ފިހިފައިވަނީ ވެސް ވަރަށް ކުޑަކޕށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު 14:15 ހާއިރު ހިނގި މިހާދިސާގައި ރޯވޯ މަކުނުދޫ އައިލެންޑް ރިސޯޓުގެ "ކިވީ" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. އެލޯންޗުގައި އަލިފާން ރޯވެ މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވީ އެ ލޯންޗު ފޮރިން މިނިސްޓްރީ ކައިރީ ފަޅުގައި އަޅާފައި އޮއްވައެވެ. އަލިފާން ރޯވުމުން ބަނދަރާ ދުރުކުރުމުން އޮޔާ ގޮސް ލޯންޗުގައި ރޯވި އަލިފާން ގަނޑު ނިއްވާލެވުނު އިރު ލޯންޗު އޮތީ މަސްވެރިން ޕާކު ކައިރީ ފަޅުތެރޭގައެވެ.
ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 2:48 ހާއިރު އެވެ. މި ހާދިސާގައި ދުމުގެ އަސަރު ކޮށްގެން އިތުރު ދެމީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.