02 Jul 2017, 14:31
މާލޭ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އަނދައިފިއެވެ.
އަލިފާންރޯވެ އަނދާފައި ވަނީ ބޭންކް އޮފް ސިލޯން ކުރިމަތީ ފަޅުގައި އޮތް މަކުނުދޫ އައިލެންޑް ރިސޯޓްގެ ލޯންޗެކެވެ. އެ ހާދިސާގައި ތިން މީހަކު ވަނީ ފިހިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 02:17 އެހައިކަންހާއިރު ކަމަށެވެ.
ލޯންޗުގައި ރޯވުމުގެ ސަބަބުން މުޅި އެ ސަރަހައްދުގައި ދުން ފެތުރިފައިވާއިރު އަލިފާންގަނޑު ދިޔައީ ބޮޑަށް ފެތުރެމުންނެވެ. ނަމަވެސް މިހާރު އެމްއެންޑީއެފް އިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ލޯންޗުގައި އަލިފާން ރޯވާން ފެށީ ފޮރިން މިނިސްޓްރީ ކައިރިއަށް ބަނދަރު ކޮށްފައި އޮއްވައެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އޭގައި ތިން ވަރަކަށް މީހުން ތިބި ކަމަށްވެސް އެމީހާ ބުންޏެވެ.
"ތިން ވަރަކަށް މީހުން ތިބި. އެކަމަކު ސީރިއަސް އަނިޔާތަކެއް ވި ހެނެއް ހިއެއް ނުވޭ. އޭގެ ތަފްސީލެއް ނޭނގޭ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް "ސަން" އަށް ވިދާޅުވީ އެހާދިސާގައި ފިހިފައިވާ ހަތަރު މީހުންނަކީވެސް ދިވެހިން ކަމަށާއި އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ފިހިފައިވަނީ ވެސް ވަރަށް ކުޑަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ރޯވުމުގެ ސަބަބުން ލޯންޗު ބަނދަރާ ދުރުކުރުމުން އޮޔާ ގޮސް މިހާރު ލޯންޗު އޮތީ މަސްވެރިން ޕާކާ ދިމާލު ފަޅު ތެރޭގައެވެ.
އެމްއެންޑީއެފް އިން މިހާރު ވަނީ ލޯންޗަށް ފޯމު ޖަހައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.