ބޯޓު ފަހަރު އެހަލައި، މަރާމަތުގެ މަސައްކަތް ކުރަމުން އަންނަ ސ. މަރަދޫ ސްލިޕްވޭ އޮންނަ ބިން، ބިޑު ކުރުމެއް ނެތި 25 އަހަރު ދުވަހަށް އެރަށު އާގަލާ، އިބްރާހީމް ހަބީބަށް ކުއްޔަށްދީފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެތަން ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް މިއަދު ދައުވާ ހުށަހަޅައިފި އެވެ.

މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު 11:00 ގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ހުށަހެޅުއްވީ، އެ މައްސަލަ ކޯޓަށް ވެއްދި މަރަދޫ ސޭބުގޭ، އަލި ދީދީގެ ގާނޫނީ ވަކީލް އަލީ ހުސެއިން އެވެ.

އަލީ ހުސެއިން މިއަދު ވިދާޅުވީ، ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރީ ބިމާބެހޭ ގާނޫނާއި އަދި މާލިއްޔަތުގެ ގަވައިދާ ހިލާފަށް ސްލިޕްވޭ އޮންނަ ބިން ކުއްޔަށް ދީފައިވާ ކަމަށް ފެންނާތީ ކަމަށެވެ. ވަކީލް ވިދާޅުވީ، އެ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، އެ ބިމުގައި އޮންނަ ސްލިޕްވޭ އަކީ "އޮންނަ ތަނެއްކަމާއި އަދި އެތަނަށް ކުއްޔެއް ވެސް ކަނޑައަޅައިފައިނުވާ" ކަމަށެވެ.

އަދި ސިޓީ ކައުންސިލުން އެ ބިން ކުއްޔަށް ދިން އިރު ބިޑުކޮށްފައި ނުވާތީއާއި އެ ބިން ކުއްޔަށް ދިނީ ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދައިގެންކަން މިހާތަނަށް އެނގިފައިނުވާތީ، ދައުލަތުގެ ބިމެއް ކުއްޔަށް ދިނުމުގެ އުސޫލުތަކާ ވެސް އައްޑޫ ސިޓީ ކައުންސިލުން ހިލާފުވެފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އަދި އެ ބިމުގައި ހަދައި އެހެން އިމާރާތްތައް ކުއްޔަށް ދިނުމުގެ ފުރުސަތު އެގްރިމެންޓްގެ ދަށުން ދީފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރެވޭނެ ކަން ވެސް މިއަދުގެ ޝަރީއަތުގައި ފާހަގަކުރެއްވި ކަމުގައި އަލީ ހުސެއިން ވިދާޅުވި އެވެ.

"މާލިއްޔަތުގެ ގާނޫނުގައި އެބަބުނޭ ދެ ވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނޭ ދައުލަތުން ކުއްޔަށް ދޭތަނެއް ގާނޫނެއްގައި ވަކި ގޮތެއް ކަނޑައަޅައިފަ ނޯންނަކަމުގައި ވާނަމަ. އެހެންވީމަ ގާނޫނުގެ ދަށުން ވަކި ގޮތެއް ކަނޑައަޅިފައެއް ނޯވޭ މިގޮތަށް ކުއްޔަށް ދޭ ބިންތަކުގައި ކުރެވޭ އިމާރާތްތައް ދެ ވަނަ ފަރާތްތަކަށް ކުއްޔަށް ދެވިދާނެ ކަމަށް. މި ޕޮއިންޓްތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ދައުވާ ހުށަހެޅީ،" ވަކީލް އަލީ ހުސެއިން ވިދާޅުވި އެވެ.

މަރަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް އަހްމަދު ބެއްލެވި މި މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ސިޓީ ކައުންސިލުން އެ ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދުމުން، ޝަރީއަތް ނިންމަވާލެއްވީ އެފުރުސަތު ކައުންސިލަށް ދީފަ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޯގަސްޓް ތިނެއް ގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މަރަދޫ ސްލިޕްވޭ އޮންނަ ބިން މިހާރުވެސް ކުއްޔަށް ހިފާފައިވާ ފަރާތާއެކު ސަރުކާރުން ހަދާފައިވާ އެގްރިމެންޓް އައްޑޫ ސިޓީ ކައުންސިލުން އާކޮށްދީފައިވަނީ މެއި 2، 2011 ގައި އެވެ. އެ އެގްރިމެންޓްގައިވާ ގޮތުގައި، 17275.74 އަކަފޫޓު ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހެނީ ކޮންމެ އަކަ ފޫޓަކަށް 30 ލާރީގެ މަގުން ޖުމްލަ 5182ރ. އެވެ. ކުރިން ނަގަމުންދިޔައީ އަކަ ފޫޓަކަށް 15 ލާރީގެ މަގުން 2591.36ރ. އެވެ.

ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު، މަރަދޫ ދާއިރާގެ ހަސަން އާދިލްގެ ބޮޑުބޭބެ އަށް 25 އަހަރަށް ކުއްޔަށް ދިން އެ ބިމުގައި އޮންނަ ސްލިޕްވޭ ހިންގައިގެން މިހާރުވެސް ބޮޑު އާމްދަނީ އެއް ލިބެ އެވެ.

ގައުމީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އާދިލް، އެމްޑީޕީއާ ގުޅިވަޑައިގަތީ ސްލިޕްވޭގެ ބިމުގެ އެގްރިމެންޓު އާކުރުމަށް ޝަރުތުކޮށްފައި ކަމަށް ބުނާ އަޑުތައް ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ.