ނޯތު ކެރޮލީނާގެ ކޭޕް ހެޓެރާސް ނެޝަނަލް ސީޝޯރް އަކީ އަބަދުވެސް ހިތްގައިމުތަނަކަށް ވާއިރު އެސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް އައު ކަމެއް އެތަނުން މިހާރު ފެންނަން ހުންނާނެއެވެ.

އެސަރަހައްދުގެ އައްސޭރިފަށުން މާދުރުނޫން ހިސާބެއްގައި މިވަނީ ކުޑަކުޑަ ރަށެއް އުފެދިފައެވެ.

ކުޑަކުޑަ ފިނޮޅަކުން ބޮޑު ރަށަކަށް ބަދަލުވެފައިވާ މިސަރަހައްދަށް އެތައްބައިވަރު ބަޔަކު ފަތާފައި އަދި އެނޫންވެސް އެކިގޮތްގޮތުން މިހާރު ގޮސް އުޅެއެވެ. އަދި ފޮޓޮގްރާފާ ޗެޑް ކޮޒެރާގެ ނަގާފައިވާ މިރަށުގެ ފޮޓޯއެއް މިހާރުވަނީ އާންމުވެފައެވެ.

"ބައެއް މީހުން މިރަށަށް މިހާރު ޝެލީ އައިލެންޑް ގެ ނަން ވެސް ކިޔާ" އެ ރަށަށް ޒިޔާރަތްކުރި ޖެނިސް ރީގަން ދަ ވާޖިނިއަން ޕްލޮޓް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. އެރަަށަށް މީހުން މިނަން ދިނުމުގެ ސަބަބަކަށްވީ ރަށުގެ ގޮނޑުދޮށުގައި ބޮލި ފަދަ ތަކެތި އާދަޔާހިލާފަށް ގިނަވުމުގެ ސަބަބުންނެވެ.

އަލަށް އުފެދުނު މިރަށުގެ ދިގުމިނުގައި އެއް މޭލު ހުރިއިރު މިރަށް އުފެދިފައިވަނީ ރާޅާ އަޅާ ކޭޕް ޕޮއިންޓްގެ ސަރަހައްދުގައެވެ.

ގިނަބަޔަކު ފަތާފައި މިރަށަށް ދިޔުމަށް މަސައްކަތްކުރާތީ އޮފިޝަލުންވަނީ އެކަމާ ދޭތެރޭ އިންޒާރު ދީފައެވެ. އޮފިޝަލުން އަންގާ ގޮތުގައި މިރަށާ ނޯތް ކެރޮލީނާގެ ގޮނޑުދޮށާ ދެމެދުގެ އޮއިވަރު ވަރަށް ބާރުވެފައި އަދި އެސަރަހައްދަކީ ފުން ސަރަހައްދެކެވެ.

ޖިއޮލޮޖިސްޓުން ދިރާސާ ކުރާގޮތުގައި މިރަށް ދާއިމަށް އުފެދިފައި ނޯންނާއެވެ. އަދި މިރަށް އުފެދުނުހާ ފަސޭހައިން ގިރިގެންދާނެ ކަމަށް އެފަރާތްތަކުން އަންގައެވެ.