ސަލްމާން ޚާންގެ ޓިއުބުލައިޓަށް، ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ނުދެއްކުނު ނަމަވެސް މިފިލްމުގެ މަންޒަރުތަކާއި ލަވަތައް ރަނގަޅުކަމަށް މިފިލްމު ބެލި ގިނަ މީހުން އެއްބަސްވެ އެވެ. އަދި މިފިލްމުގައި ހިމެނޭ ރޭޑިއޯ ލަވަ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. އެންމެފަހުން މިލަވަ ވަނީ އަރަބި ބަހުން ރެކޯޑްވެސް ކޮށްފަ އެވެ.

މެދުއިރުމަތީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދޫޒީގެ އަޑުން ރެކޯޑް ކޮށްފައިވާ މިހިތްގައިމު ލަވަ މިދިޔަ ބުދަ ދުވަހު މެދު އިރުމަތީގެ ސޮނީ މިއުޒިކުން ނެރެފަ އެވެ. މީގެ އަސްލު ލަވަ ހިންދީބަހުން ކިޔައިދީފައި ވަނީ ކަމަލް ހާން އަދި އަމިތު މިޝްރާއެވެ.

"ރޭޑިއޯ އަކީ ވަރަށް ފަސޭހައިން މީހުންގެ ހިތްތަކާ ކުޅާކާފަދަ ރީތި ލަވައެއް. މިލަވަ ޑުބާއީގައި ފުރަތަމަ ޕްރިމިއަކުރެވުނުއިރު އަހަރުމެންނަށް އެނގިއްޖެ މިލަވަ އަރަބިބަހުން ނެރުމުގެ މުހިންމުކަން. ދޫޒީގެ އަޑަކީ ހަމަ މިލަވައަށް ހަމަ އެންމެ ފައްކާ އަޑު" ސޮނީއިންޑިއާގެ މާކޭޓިން މިއުޒިކް ޑައިރެކްޓަރު ބުންޏެވެ.

ސަލްމާންހާން މީގެ ކުރިން ކަބީރުހާންއާ ގުޅިގެން ބަޖިރަންގީ ބައިޖާ ފަދަ ކާމިޔާބު ފިލްމުތައް ކުޅުފައިވާ އިރު މިފިލްމަކީ ފަހަކަށް އައިސް ސަލްމާންހާނަށް ލިިބުން ވަރަށް ބޮޑު ވެއްޓުމެކެވެ.