02 Jul 2017, 09:58
ބާސެލޯނާއިން އެ ކްލަބުގެ ބްރެޒިލް ތަރި ނޭމާގެ "ރިލީސް ކްލޯސް" 222 މިލިއަން ޔޫރޯއަށް ބޮޑުކޮށްފިއެވެ.
މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި ނޭމާއަށް ފާރަލާ ފަރާތްތަކަށް މިއީ ރަނގަޅު ޚަބަރަކަށް ނުވާނެއެވެ.
ނޭމާއާ އެކު ބާސާއިން 2016 ވަނަ އަހަރު ކޮންޓްރެކްޓް ހެދި އިރު އޭނާގެ ރިލީސް ކްލޯސް އަކީ 200 މިލިއަން ޔޫރޯއެވެ.
އެހެން ނަމަވެސް ފަހުން އޭނާގެ ކޮންޓްރެކްޓް އާކުރި އިރު މި އަދަދު ވަނީ 222 މިލިއަން ޔޫރޯއަށް ބޮޑުވެފައެވެ. އެހެންކަމުން މި މުއްދަތުގައި އެހެން ކްލަބަކުން އޭނާ ގެންދަން ބޭނުން ވެއްޖެ ނަމަ އެ ކްލަބަކުން ބާސާއަށް ބޮޑުފީއެއް ދައްކަން ޖެހޭނެއެވެ.

ބާސެލޯނާގެ ފޯވާޑް ލައިން ބަލަހައްޓާ ލިއޮނަލް މެސީ އާއި ނޭމާ -- ފޮޓޯ: ގެޓީ
އެހެން ކްލަބަކަށް ނޭމާ ހިނގައިދާނެތީ އެ މަގު ހަނިކުރުމުގެ ގޮތުން ބާސާއިން ފިޔަވަޅުތައް އަޅަމުން ދާއިރު، މިވަގުތު ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އުމުރުން 25 އަހަރުގެ ބްރެޒިލް ތަރި ހޯދުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ހިމެނެއެވެ.
ޓްރާންސްފަރ މާކެޓްގައި ނޭމާގެ އަގު ބާސާއިން މައްޗަށް އުފުލަމުން ދާއިރު، 2018 ވަނަ އަހަރު ނޭމާގެ ރިލީސް ކޮލޯސް 250 މިލިއަނަަށް އުފުލޭނެކަމަށް ބެލެވެއެވެ. އޭރުން ލިއޮނަލް މެސީއާ ނޭމާގެ އަގު އެއް ހަމައަކަށް އެރީއެވެ.
މެސީގެ ކޮންޓްރެކްޓް މުއްދަތު ވެސް ހަމަވާން ގާތްވަމުން ދާއިރު، އެއްބަސްވުން އާކުރުމަށް މީގެ ކުރިން ބާސާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ބާސާގެ އުންމީދަކީ މެސީއާ ނޭމާވެސް އެ ކްލަބުގައި އިތުރު ކާމިޔާބީތަކެއް ހޯދުންކަމަށް ވާއިރު، ކައިވެންޏަށް ފަހު މެސީ އެނބުރި ޔޫރަޕަށް އައުމުން މެސީގެ މައްސަލައަށް ވެސް ހައްލެއް ހޯދޭނޭކަމަށް ބާސާއިން އުންމީދުކުރެއެވެ.