02 Jul 2017, 10:11
ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ނިމުމާ އެކު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ވަގުތު އާންމު ވަގުތުތަކަށް ބަދަލުކުރަން އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ މިރެއިން ފެށިގެން ފިހާރަތައް ހުޅުވާފައި ހުންނަނީ ރޭގަނޑު 10 ޖަހަންދެން ކަމަށެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވަނީ މެންދަރު 12 އާ ހަމައަށެވެ.
ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ރޯދައާއި ހަމައަށް ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ އިރު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން މެންދަމު 3:00 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ވަނީ ހުއްދަދީފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެވުނެވެ. ނަމަވެސް އެ ހުއްދަތައް ބާތިލުކޮށް، ތަންތަން ބަންދުކުރާ ވަގުތު އަވަސްކުރުމަށް ބާރު އަޅަން ފެށީ 2012 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.
ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ވަގުތު 2012 ވަނަ އަހަރު އަވަސްކުރީ، އެތަންތަން ހުޅުވާފައި ހުރުމުން ދަންވަރު ހޭލާ އުޅޭ ޒުވާނުން އިތުރުވެ، ކުށް ކުރުން އިތުރުވެގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފިހާރަތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދަންވަރު 1:00ގައި ބަންދުކުރާ ކެފޭތައް ދަންވަރު 12:00ގައި ބަންދުކުރަން ޖެހޭ ގޮތަށް ބަދަލު ކުރި އެވެ. އަދި ފިހާރަތައް ބަންދު ކުރާ ގަޑި 10:00 އަށް އަވަސް ކުރި އެވެ.