02 Jul 2017, 09:18
ރަނގަޅު އަގެއް ދީގެން އާސެނަލްގެ އެލެކްސިސް ސަންޗޭޒް ހޯދުމަށް ބަޔާން މިއުނިކް އޮތީ ތައްޔާރަށް ކަމަށް އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ހޮނި ހިރު ދުވަހު ބަޔާންގެ ޕްރީ ސީޒަން ފެށުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެންޗެލޮޓީ ބުނީ، އެލިއަންޒް އެރީނާއަށް ސަންޗޭޒް ގެނައުމަށް، "ފުރުސަތެއް ލިބިއްޖެ ނަމަ، ކްލަބު އޮތީ އެކަމަށް ތައްޔާރަށް" ކަމަށެވެ.
"އެކަމާ ގުޅިގެން ބައިވަރު ވާހަކަތަކެއް އެބަ ދެކެވޭ. އެލެކްސިސް އަކީ މޮޅު ކުޅުންތެރިއެއް، އެކަމަކު ދުނިޔޭގަ ހުރި އެފަދަ ހަމައެކަނި ކުޅުންތެރިޔާއެއް ނޫން. އަހަރެން ގަޔާވާ ކުޅުންތެރިއެއް އެއީ."

ސަންޗޭޒަކީ ޕެޕް ގާޑިއޮލާވެސް ވަރަށް ހިތްކިޔާ ކުޅުންތެރިއެއް -- ފޮޓޯ: ގެޓީ
މީގެ ކުރީން ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުން، 29 އަހަރުން މަތީގެ ކުޅުންތެރިއަކަށް ބޮޑު ފީއެއް ދިނުމަށް، ބަޔާން އޮތީ ތައްޔާރަކަށް ނޫނެވެ. އެހެން ނަމަވެސް އެންޗެލޮޓީ މާބޮޑަށް ގަޔާވާ ކުޅުންތެރިއަކަށް ވުމުން ކްލަބުން އެކަން ނުކުރާންވީ ސަބަބެއް ވެސް ނެތެވެ.
"ޓްރާންސްފަރ މާކެޓްގައި މި ނޫން ގޮތްތަކެއް ވެސް އެބަހުރި، ތަފާތު އެކި ދިމަދިމާއަށް ހިނގައިދާނޭ،" ބަޔާންގެ ކޯޗު ބުންޏެވެ.
"އަހަންނަށް ހީވަނީ މިވަގުތު ޓްރާންސްފަރ މާކެޓްގައި މޮޔަ އެތައް ކަމެއް ހިނގަމުން ދަނީ. އެހެން ނަމަވެސް ބަޔާން އަކީ އެފަދަ ކްލަބެއް ނޫން.
"އަހަންނަށް އެނގޭ މި ކްލަބުގެ ސަގާފަތް، އެހެންކަމުން ކުޅުންތެރިއަކާ ނުބައްދަލު އަގެއް ހުށަހަޅަން އަހަރެން ނޭދޭނަން. އެހެން ނަމަވެސް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ، ހުށަނާޅަންވީ ކީއްވެ؟"
Carlo Ancelotti on Alexis Sánchezpic.twitter.com/rbt8H2h6Jf
— Bayern & Germany (@iMiaSanMia)July 1, 2017
ރަނގަޅު އަގެއްގައި ސަންޗޭޒް ގެންދަން ބަޔާން ނޫނަސް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތްކުރަމުން ދާއިރު، ސާޖިއޯ އަގުއެރޯގެ ސޮއި ލިބިއްޖެ ނަމަ، ސަންޗޭޒް ދޫކޮށްލުމަށް އާސެނަލް މިހާރު ތައްޔާރަށް އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންނަމަވެސް އަގުއެރޯގެ "ޑީލް" މެންޗެސްޓަރ ސިޓީން ހަދާނަމަ އެ ވިޔަފާރީގެ މުއާމަލާތުގެ ތެރޭގައި ސަންޗޭޒް ހިމެނުން ގާތެވެ. ސަބަބަކީ، އުމުރުން 28 އަހަރުގެ ޗިލިއަން ފޯވާޑަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާގެ ވެސް ފޭވަރިޓަކަށް ވާތީއެވެ.