ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި މައްސަލަތަކެއް އުޅޭ ކަމަށް އަޑުފެތުރުފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ދެ ނައިބް ރައީސުންނާއި އެކު ޕީޖީ ގްރޫޕްގެ ލީޑާސިޕާ ބައްދަލުކުރައްވައިފި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާއެކު ބައިވެރިވެވަޑައިގަނެފައި ވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޓުއަރިޒަމް މިނިިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގްރޫޕްގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކާއި ނައިބް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އަދި ސެކެޓްރީ ޖެނަރަލް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލެވެ.

ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ލީޑާޝިޕާ ބައްދަލުކޮށްފައިވާއިރު އެ ޕާޓީގެ އެތެރޭގައި މި ވަގުތު އެންމެ ހޫނުވެފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަ އެވެ.

ނާޒިމްގެ މައްސަލަ ހޫނުވެފައި މި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އަދީބުގެ ސިޓީގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގާތް ނާޒިމަށް އެނގިނުލައްވާނެ ކަމަށާއި އެކަމުގެ ހަގީގަތް ހާމަކުރެއްވުމަށް އަދީބު ތައްޔާރަށް ހުރި ކަމަށެވެ.

އަދީބުގެ ސިޓީއާ ގުޅިގެން ޕީޕީއެމް ޕީޖީގައި ހިމެނިވަޑައިގެންނަވާ ބައެއް މެމްބަރުން ވަނީ ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށް ބުނެ އޭނާ ވަގުތުން ދޫކޮށްލުމަށް ޑިމާންޑް ކުރަމުންނެވެ. އަދި ނާޒިމް ދޫކޮށް ނުލައިފިނަމަ އިދިކޮޅު ފަރާތްތަކުން ނެގުމަށްތައްޔާރުވަމުންދާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓް ދޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.