ސީޒަނަށް ތައްޔާރުވާން އެކުވެރިކަމުގެ މެޗްތަކެއް ކުޅެން ރެއާލްގެ މެޑްރިޑްގެ އެމެރިކާއަށް ގޮސް ރޭ ކުޅުނު ފުރަތަމަ މެޗް އެލްއޭ ގެލެކްސީއާއި ބައްދަލުކޮށް 4-1 އިން މޮޅުވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޑޭވިޑް ބެކަމްގެ ކެޕްޓަން ކަމުގައި ގެލެކްސީ ކުޅުނު މެޗުގައި ޓީމަށް ވެސް ބެކަމް އަށް ވެސް މާމޮޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ބެކަމް ޖެހުނީ އޭނާގެ ކުރީގެ ޓީމް ތަރިން މޮޅަށް ކުޅެ މޮޅުވާތަން ދެކެން މަޑުކޮށްލާށެވެ.

ފުރަތަމަ ހާފުގައި އެކަނިވެސް ރެއާލް މެޑްރިޑްވަނީ ދެ ލަނޑު ޖަހާފަ އެވެ. ރެއާލް އިން ފުރަތަމަ ލަނޑު ޖެހީ ހޯސޭ މަރީއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ހޮސޭލޫވަނީ އިތުރު ލަނޑެއް ހަދިޔާކޮށްފަ އެވެ.

ދެވަނަ ހާފުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މެޗްގެ 52 ވަނަ މިނެޓްގައި އޭނާގެ ނަން ސްކޯޝީޓަށް އަރުވާފަ އެވެ. ރޮނާލްޑޯ މި ލަނޑު ޖަހާފައިވަނީ އަމިއްލަ ހުނަރުގެ ބޭނުން ހިފުމަށްފަހު ކުރި އަރައި ވަޒަނެއްހެން ބޯޅަ ފޯނުވާލައިގެނެވެ. ރެއާލް ހަތަރުވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. އެލްއޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެޑަމް ކްރިސްމަން އެވެ.

މެޗްގައި ރެއާލްގެ ކޯޗް މޮރީނިއޯ ވަނީ އަލަށް ޓީމާ ގުޅުނު ރެފެއަލް ވެރޭންއާއި ފަބިއޯ ކޮއެންޓްރާއޯގެ ކުޅުމުގައި ބައިވެރިކޮށް ޓެސްޓްކޮށްލައިފަ އެވެ. މެޗުގައި ކޮއެންޓްރާއޯވަނީ މޮޅުކުޅުމެއް ދައްކާ ފަހު ލަނޑު ކާމިޔާބުކޮށް ދިނުމުގައި ބެންޒެމާއަށް އެހީތެރެވެދީފަ އެވެ.