01 Jul 2017, 16:01
ޗެލްސީގެ ލެޖެންޑް އަދި އެ ކްލަބުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ، ޕްރިމިއަރ ލީގު ކްލަބު އެސްޓަން ވިލާއަށް ސޮއިކުރުމަށް ތައްޔާރުވަމުން ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އީއެސްޕީއެންގައި ވާގޮތުން، ޓެރީ ވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެސްޓަން ވިލާއާ ގުޅޭނޭކަމަށް ބުނެފައެވެ.
ޓެރީ ހޯދުމަށް އެންމެ ގަދައަޅައި މަސައްކަތްކުރާ ކްލަބަކީވެސް އެސްޓަން ވިލާއެވެ. އެގޮތުން އެ ކްލަބުގެ ކޯޗު ސްޓީވް ބްރޫސް ވަނީ، އަންނަ ސީޒަނަށް ވިލާޕާކަށް ގެންނަ ކުޅުންތެރީންގެ ތެރޭގައި އިންގްލޭންޑުގެ ކުރީގެ ކެޕްޓަން، މިހާރު އުމުރުން 36 އަހަރުގެ ޓެރީ ހިމެނުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ސްޓެމްފޯޑް ބްރިޖްގައި 22 ވަރަކަށް އަހަރު ހޭދަކުރުމަށް ފަހު، ފްރީ އޭޖެންޓެއްގެ ގޮތުގައި ޗެލްސީ ދޫކޮށްލަން ޓެރީއަށް ޖެހުނީ، ކޯޗު އެންޓޯނިއޯ ކޮންޓޭގެ ސްކޮޑުން އޭނާއަށް އިތުރަށް ފުރުސަތު ލިބެން ނެތްކަން ޔަގީންވުމުންނެވެ.
ޓެރީ ވަނީ، ޗެލްސީއަށް 717 މެޗު ކުޅެފައެވެ. އޭގެ ތެރޭން 580 މެޗުގައި އޭނާ ވަނީ ކެޕްޓަންކަން ކޮށްފައެވެ. ސްޓެމްފޯޑް ބްރިޖްގައި 345 މެޗު ކުޅެފައިވާ ޓެރީއަކީ، ޕްރިމިއަރ ލީގުގެ ތާރީޚްގައިވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޑިފެންޑަރެވެ. އޭނާ ވަނީ ޗެލްސީއަށް 41 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޗެލްސީގައި ޓެރީ ވަނީ 17 ޓްރޮފީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގު 5 ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު، ލީގު ކަޕް ތިން ފަހަރު، ޔޫއެފާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު އެއްފަހަރު ހޯދައިފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެއް އަހަރު ދުވަހުގެ އެއްބަސް ވުމަކާއެކު ޓެރީ ވެގެންދާނީ، މި ހިނގާ ޓްރާންސްފަރގައި ވިލާޕާކަށް ގެންނަ ފުރަތަމަ ކުޅުންތެރިޔާއަށެވެ.