އެންވިޝަން އެންޓަޓެއިންމެންޓް އަދި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީޢު ލިޔެ އަދި ޑައިރެކްޓްކުރާ މިއަހަރުގެ "އެންމެ ބޮޑު ފިލްމު" ކަމުގައިވާ "ނޯޓީ 40"ގެ ދެވަނަ ޓީޒާ ރޭގައި ރިލީޒް ކޮށްފިއެވެ.

ފޭސްބުކްގައި "ނޯޓީ 40"ގެ އޮފިޝަލް ޕޭޖްގައި އާންމު ކުރި މިފިލްމުގެ ދެވަނަ ޓީޒާގެ ދިގުމިނުގައި 1:48 އިން އިރު މި ޓީޒާއިން މިފަހަރު ފެންނަނީ ކުރީފަހަރުގެ ޓީޒާއާ މުޅިން ތަފާތު މަންޒަރުތަކެކެވެ.

ކުރީފަހަރުގެ ޓީޒާގައި މިފިލްމުގައި ހިމެނޭ ތަފާތު އެކި ރަހަތައް ދައްކާލިއިރު މިފިލްމަކީ ކޮމެޑީ ނުވަތަ ހެއްވާ މަޖާ ކަންތައްތަކެއް ހިނގާ ފިލްމެއްކަން އެނގިގެންދެއެވެ. ނަމަވެސް މިފަހަރުގެ ޓީޒާގައި ފެނިގެންދަނީ "ނޯޓީ 40"ގެ ކާސްޓުންގެ ފަރާތުން ދެރައާއި ހިތާމައިގެ މަންޒަރެވެ. ފިލްމުގެ އިސްރޯލު ތަކުން ފެނިގެންދާ ޔޫއްޕެ، ސައީދު، މަނިކު، ނިއުމާ، ސީޒަންގެ އިތުރުން އައްޒަގެ މޫނުމަތިންވެސް ފެންނަނީ މާޔޫސީގެ ކުލަވަރު ތަކެވެ.

ކޮމެޑީ ފިލްމެއްގައި މިފަދަ މަންޒަރުތަކެއް ފެނިގެންދިޔުމުން މިފިލްމާއި ދެމެދު އޮތް ޝައުގުވެރިކަން ބެލުންތެރިންގެ މެދުގައި އިތުރުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ނޯޓީ 40 ގެ މަންޒަރެއް --- ފޮޓޯ: ނޯޓީ 40 ފޭސްބުކް ޕޭޖް

"ނޯޓީ 40" އަކީ މިހާތަނަށް ދިވެހި ފިލްމީ އިންޑަސްޓްރީގެ ނަން މަޝްހޫރު އެންމެ ގިނަ ފަރާތްތަކެއް އެއް ފިލްމަކުން މިފަދަ ގޮތަކަށް ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިސަބަބާހުރެ މިއީ މިއަހަރުގެ "އެންމެ ބޮޑު ފިލްމު" ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.

މިފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ ބައެއް އެކްޓަރުންގެ ދެއުމުރެއްގެ މަންޒަރުތައް ދައްކުވައިދޭ އިރު ގިނަ ދުވަސްތަކަކަށް ފިލްމުގެ ޝޫޓިންގް މެދުކެނޑިގެންގޮސް އޮވެފައި ފިލްމުގެ މަސައްކަތް ދާދިފަހުންވަނީ އަލުން ފަށައިފައެވެ. މިއީ ފިލްމުގެ އެކްޓަރުންނަށް އެމީހުންގެ ރޯލުތަކަށް ފެތެން ދިން ވަގުތެއް ކަމުގައި މިފިލްމުގެ އެއް އެކްޓަރު އަދި މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަހްމަދު ސައީދުވަނީ ބުނެފައެވެ.

ފިލްމުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު ބާކީ ހުރީ ކޮންމެ އެކްޓަރެއްގެވެސް އެއް ސީން ނުވަތަ ދެވަރަކަށް ސީންގެ މަސައްކަތް ކަމަށް ކުޅަދާނަ އެކްޓަރު އަލީ ސީޒަން ވަނީ ބުނެފައެވެ.