17 Jul 2011, 13:52
ކުޑަކުދިންނަށް ގޯނާތައް ކުރާ މީހުންނަކީ މުޖުތަމައުގެ ތެރޭގައި ގަބޫލުކުރެވޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ޗައިލްޑް އެބިއުސިން ޕްރިންވެންޝަން ސޮސައިޓީގެ ދެ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި އޮތް ހަފުލާގައި ނައިބު ރައީސް ވިދާޅުވީ ބައެއް ގައުމުތަކުގައި، ކުޑަކުދިންނަށް އެކި ގޯނާތައް ކުރާ މީހުން، މުޖްތަމައިން ވަކިކުރާ ކަމަށެވެ. އަދި އެމީހަކު އެ އަދަބަކުން ސަލާމަތްވުމަށްފަހު ވެސް، ކުޑަކުދިންނާ ގާތުގައި ނޫޅެވޭ ގޮތަށް ފިޔަވަޅު އަޅާ ކަމަށެވެ.
ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި އިޖްތިމާއީ ކަންކަން އިތުރުވާ ވަރަކަށް އިޖްތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުވާންޖެހޭ ކަމަށް ވެސް ޑރ. ވަހީދު ރޭ ވަނީ ވިދާޅުވެފަ އެވެ.
ކުޑަކުދިންނަށް ކުރާ ގޯނާތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމަށް ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެ ޖަމްއިއްޔާގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.