01 Jul 2017, 08:51
އިރާގުން މީގެ ދެތިން ދުވަސްކުރިން ވަނީ އައިއެސް ޖަމާއަތުން އެ ގައުމުގައި ގާއިމްކުރި ބާތިލް ޚިލާފަތް ރޫޅާލައި ބިމާ ހަމަކޮށްލިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.
އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ މިކަން އިޢުލާންކުރެއްވީ، ދެހާސް ސާދަވަނަ އަހަރު އައިއެސް ޖަމާއަތުން އިސްލާމީ ޚިލާފަތުގެ ނަމުގައި އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ ދައުލަތެއް އިޢުލާންކުރި މޫސަލްގެ ތާރީޚީ މިސްކިތް ކަމަށްވާ ނޫރީ މިސްކިތް މިނިވަންކޮށް އެމިސްކިތް އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވުމާ ގުޅިގެންނެވެ. ނޫރީ މިސްކިތާއި އެ މިސްކިތުގެ މަޝްހޫރު މުންނާރަކީ އިރާގުގައިވާ ގިނަގުނަ އިސްލާމީ އާޘާރީ ތަންތަނުގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެކެވެ.
ނޫރީ މިސްކިތަކީ މީލާދީގޮތުން އެގާރަ ސަތޭކައިގެ އަހަރުތަކުގައި އިރާގާއި ސޫރިޔާގެ އުތުރުގައި ވެރިކަންކުރި އިސްލާމީ ދައުލަތެއްކަމަށް ޒަންކީ ދައުލަތުގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ. ކޮންމެއަކަސް އައިއެސްގެ ޚިލާތުގެ ތެރޭގައި ހިމެނޭ އިރާގުގެ ޚިލާފަތުމިވަނީ ވެއްޓި ބިމާހަމަވެފައެވެ. އަދި ސޫރިޔާގައިވާ އައިއެސްގެ ޚިލާފަތްވެސް މިވަނީ ވެއްޓުމުގެ މަގުމަތީގައެވެ. ސޫރިޔާގައިވާ އައިއެސްގެ ޚިލާފަތުގެ ވެރިރަށްކަމަށްވާ އައްރިއްޤާ ވަނީ ހިސާރުކޮށްފައެވެ. އަދި އެސިޓީގެ ބައެއް އަވަށްތައްވެސް ކުރުދީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށްވަނީ ގެނަސްފައެވެ.
ދެހާސް ސާދަވަނަ އަހަރު އިޢުލާންލުރި އައިއެސްގެ ޚިލާފަތު ދެހާސް ސަތާރަވަނަ އަހަރު ވެއްޓި ރަސްމީ ސިފައެއްގައި އިރާގާއި ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ ޚިލާފަތް ބިމާ ހަމަވެފައިވާއިރު މިއީ އެންމެ އުމުރުކުރު އިސްލާމީ ޚލާފަތް ކަމަށްވެސް ވެދާނެއެވެ.
އައިއެސްގެ ޚިލާފަތު އިރާގުގައި ވެއްޓުނުއިރު އެޖަމާއަތުގެ މަދުއަދަދެއްގެ ހަނގުރާމަވެރިންނާއި މެދުފަންތީގެ ކޮމާންޑަރުން ފިޔަވައި އެހެން ބަޔަކު ފެންނާކަށްނެތެވެ. އައިއެސްގެ ލީޑަރ ޝިޕްގައި އިސްކޮށް އުޅެނީ ތިން މީހެކެވެ. އެއީ އެޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އާއި ދިފާއީ ވަޒީރު އަބޫއުމަރުއްޝީޝާނީ އާއި ޕްރޮޕަގެންޑާއާބެހޭ ވަޒީރު އަބޫމުހައްމަދުލް އަދްނާނީއެވެ. ޚިލާފަތު ވެއްޓުނުއިރު މިތިން މީހުންގެ ހިލަމެއް އަދި ނުވެއެވެ. މަރުވީކަމެއް ފިލީކަމެއް ސާފެއްނުވެއެވެ. އެނގެނީ ހަނގުރާމައިގެ މައިދާނުން ހިލަމެއްނުވި ކަމެވެ. ބަޣްދާދީ މަރާލެވުނު ކަމުގެ ޚަބަރުތަކެއް ފެންމަތިވެފައިވެއެވެ.
އައިއެސްގެ އަސްކަރީ ކޮމާންޑަރުންގެ ތެރޭގައި ގިނައީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދުވަސްވަރު އޮތް އިރާގު ސިފައިންނާއި ސައްދާމްގެ ބާރުގަދަ ޖުމްހޫރީ ލަޝްކަރުގައި ތިބި ތަޖްރިބާކާރު ބައެއް ޖެނެރަލުންނާއި އިސް އޮފްސަރުންނެވެ. އެ ސެކިއުލަރ ޖެނެރަލުން އައިއެސް ފަދަ ތަކްފީރީ ސަލަފީ ޖިހާދީ ޖަމާއަތެއްގެ އިސް ސަފަށް އެރީ އިރާގުގައި މިހާރު އޮތް ޝިޔައީންގެ ވެރިކަމާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުންނެވެ. މިކަމަށްޓަކައި ސައްދާމްގެ ޖެނެރަލުންވަނީ އައިއެސްގެ ދީނީ ހަރުކަށި ފިކުރުގެ ޝައިޚުންނަށް ވެ ފަގުޑި އަޅައި އައިއެސްގެ ސްޓައިލަށް ބަދަލުވެފައެވެ.
ސުވާލަކީ އިރާގުގައި އައިއެސް ގެ ބާތިލް ޚިލާފަތް ބިމާހަމަކޮށްލެވުމުން ދެން އެޖަމާއަތަށް އޮތީ ކޮން އޮޕްޝަން ތަކެއް ހެއްޔެވެ؟
ބެލެވޭ ގޮތުގައި އައިއެސްއަށް ދެން އޮތީ މައިގަނޑު ތިން އޮޕްޝަނެކެވެ. ފުރަތަމަ އޮޕްޝަނަކީ އަމިއްލައަށް ބަލި ގަބޫލުކޮށް އެޖަމާއަތް ރޫޅާލައި ތަޅާފޮޅުމާއި ބޮން ގޮއްވުމާއި ބަދަލުހިފުމުގެ ގޮތުން ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ދޫކޮށްލުމެވެ. މިއީ އައިއެސްފަދަ ބަދަލު ހިފުމުގެ ރޫހެއްގައި އަނިޔާވެރި ޖަރީމާތަކެއް ހިންގަމުން ގެންދިޔަ ބަޔަކު ކުރާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.
ދެވަނަ އޮޕްޝަނަކީ އައިއެސްގެ ހަނގުރާމަވެރިން އިރާގާއި ސޫރިޔާގައި ސިއްރިޔާތުގައި ހަރަކާތްތެރިވެ އަމިއްލައަށް މަރުވެގެންނާއި ބޮން ގޮއްވައިގެން މީހުން މެރުމާއި ބަދަލުހިފުމުގެ ހަމަލާތައް ދެމުން ގެންދިޔުމެވެ. މިއީ އެޖަމާއަތުން ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކަންތަކެވެ.
ތިންވަނަ އޮޕަޝަނަކީ އިރާގާއި ސޫރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން އައިއެސްއިން އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި އުފައްދާފައިވާ އެޖަމާއަތުގެ ގޮފިތަކާ ގުޅުމެވެ. އައިއެސްއިން އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި އުފައްދާފައިވާ ގޮފިތަކުގެ ތެރޭގައި މިސްރުގައި އުފައްދާފައިވާ ވިލާޔަތު ސައިނާ ގޮތްޕާއި އަފްޣާނިސްތާނުގައި އުފައްދާފައިވާ ޚުރާސާން ގޮތްޕާއި ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އުފައްދާފައިވާ ބޯކޯ ހަރާމް ގޮތްޕާއި ސޮމާލިޔާގައި އުފައްދާފައިވާ އައްޝަބާބް ގޮތްޕާއި ލީބިޔާގައި އުފައްދާފައިވާ ސިރުތު ގޮފި ހިމެނެއެވެ.
އިރާގާއި ސޫރިޔާގައި އައިއެސް ބަލިކަށިވެ އިނދަ ޖެހުނުއިރު އެޖަމާއަތުގެ ޚަޒާނާގައި ހުރި ފައިސާގެ ގާތްގަނޑަކަށް 80 އިންސައްތަވަނީ ހުސްވެފައެވެ. އާމްދަނީ ލިބޭ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ގެއްލިފައެވެ. މިއާއެކު އިރާގު ސިފައިންގެ ބާރުގަދަ ވުމުންނާއި ސޫރިޔާގެ ހަނގުރާމައިގެ މަސްރަހު ބަދަލުވެ ސޫރިޔާ ސިފައިންގެ ބާރާއި ތުރުކީއާ އިދިކޮޅު ކުރުދީ ހަނގުރާމަވެރިންގެ ބާރުގަދަވުމުން އެޙާލާތުގައި ދެން އެދެގައުމުގައި އައިއެސްއަށް ހަށި ފޮޅާލާފައި ނުތެދުވެވޭނެކަން އެޖަމާއަތުގެ އިސް ފަރާތްތަކަށް ރަނގަނޅަށް އެނގޭނެއެވެ.
އައިއެސް ޖަމާއަތުގެ ބާތިލް ޚިލާފަތް އިރާގުގައި ބިމާ ހަމަކޮށްލެވުމަކީ އެޖަމާއަތް އެއްކޮށް ނައްތާލެވުމެއް ނޫނެވެ. އެހެންކަމުން އިރާގާއި ސޫރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުންގެ އެތަށްބަޔަކު އެޖަމާއަތުގެ ސަރަހައްދީ ގޮފިތަކާ ގުޅޭނެކަމީ ކަށަވަރު ކަމެކެވެ. މިއާއެކު މުސްތަގްބަލްގައި އައިއެސްގެ ސަރަހައްދީ ގޮފިތަކުގެ ބާރު ގަދަވެގެން ދާނެއެވެ.
އަނިޔާ ލިބުމުގެ ސަބަބުން ބަދަލުހިފުމުގެ ރޫހެއްގައި ތިބި އިރާގާއި އަރަބި އެހެން ބައެއް ގައުމުތަކުގެ ޒުވާނުންގެ ޝުއޫރުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އައިއެސް އުފެއްދުމުގައި އެމެރިކާއާއި އިސްރާއީލުގެ ދައުރު ވަރަށް ބޮޑެވެ. އިރާގާއި ސޫރިޔާއަށް އަސްކަރީ ގޮތުން ވެދެގަތުމުގެ ފުރްސަތު އެމެރިކާއަށް ލިބިގެންދިޔައީ އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަން ބޭނުންކޮށްގެންނެވެ. އަދި އާންމު ގޮތެއްގައި މުޅި މެދުއިރުމައްޗަށް އަސްކަރީ ގޮތުން ވަދެ ފައިހަރުކޮށްލުމުގެ ފުރްސަތު އެމެރިކާއަށް ލިބިގެންދިޔައީ އައިއެސްގެ ކުޑަދޮރުންނެވެ. އިސްރާއީލުގެ އަމާންކަމާއި ސަލާމަތަށްޓަކައި އިރާގާއި ލީބިޔާއާއި ސޫރިޔާފަދަ ގައުމުތައް ހަލާކުކޮށްލުމުގެ ފުރްސަތު އެމެރިކާއާއި އިސްރާއީލަށް ލިބިގެންދިޔައީ އައިއެސް ޖަމާއަތަށް ވުޖޫދަށް ގެނައުމުގެ ސަބަބުންނެވެ.
އައިއެސް ވުޖޫދަށް ގެނައުމުގައި އެމެރިކާގެ ދައުރު އޮތް މިންވަރު ވިކިލީކްސް އިން މާކުރިންވަނީ ފަޅާއަރުވާލާފައެވެ. މިމައްސަލާގައި އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއާއި އެމެރިކާގެ އެކި ލެވެލްތަކުގެ ވެރިންނާ ދެމެދު ހިނގި މުއާމަލާތްތައް (ވިކިލީކްސް އިން ލީކުކޮށްލި) އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ފަހުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ގެ އީމެއިލް ތަކުން ވަނީ ޝައްކެތް ނެތް މިންވަރަށް ސާފުވެފައެވެ.
އެމެރިކާގެ އިތުރުން ގަތަރާއި ސައޫދީ އާއި ޔޫއޭއީ އާއި ތުރުކީގެ މައްޗަށްވެސް އެގައުމުތަކުގެ ސިޔާސީ މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި އައިއެސްއަށް މާލީގޮތުންނާއި އެނޫން ގޮތްގޮތުންވެސް އެހީތެރިވިކަމުގެ ތުހުމަތު މާކުރީއްސުރެވެސް ކުރެވިފައިވެއެވެ. ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތު ގަލްފުގެ ބައެއް ގައުމުތަކުން ހަމައެކަނި ގަތަރުގެ މައްޗަށް ކުރިނަމަވެސް ގަތަރު ފަދައިން ޚުދު ގަތަރާ ދެކޮޅަށް ފިޔަވަޅުއެޅި ގަލްފުގެ ގައުމުތަކާއި އެމެރިކާގެ މައްޗަށްވެސްވަނީ އައިއެސްއަށް އެހީތެރިވާކަމާއި އިރާގާއި ސޫރިޔާއާއި ލީބިޔާފަދަ ގައުމުތަކުގައި ހަނގުރާމަކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް އެހީތެރިވާކަމުގެ ތުހުމަތުތައް ކުރެވިފައެވެ.
މިދެންނެވި ގައުމުތަކުން އައިއެސްއަށް އެހީތެރިވަމުންދިޔައީ އެޖަމާއަތަށް ތާއީދުކުރާތީ އެއްނޫނެވެ. އައިއެސް ބޭނުންކޮށްގެން ސިޔާސީ މަގްސަދްތައް ހާސިލް ކުރުމަށެވެ. އެ ގައުމުތަކުން ސިއްރިޔާތުގައި އައިއެސްއަށް ފޯރުކޮށްދޭ ހަތިޔާރާއި ފައިސާގެ ސަބަބުން ދެހާސް ސާދަވަނަ އަހަރާއި ފަނަރަވަނަ އަހަރު އައިއެސްގެ ބާރުތައް އާދަޔާ ޚިލާފަށް ކުރިއަރައި ހަނގުރާމަތަކުގައި ކާމިޔާބީ ހޯދަމުންދިޔަ އާދަޔާ ޚިލާފު މިންވަރުން އައިއެސް އަކީ އިލާހީ މަދަދު ލިބޭ އަދި ހައްގުގައިވާ ޖަމާއަތެއްކަމަށް އީމާންކަން ބަލިކަށި ބައެއް މީހުންނަށް ހީވެގެންވެސް ދިޔައެވެ.
މިދެންނެވި ގައުމުތަކުން ގެންދިޔައީ އެއްކޮޅުން އައިއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށްފައި އަނެއްކޮޅުން އަމިއްލަ ސިޔާސީ މަގްސަދުތައް ޙާސިލްކުރުމަށްޓަކައި އައިއެސްއަށް އެހީތެރިވަމުންނެވެ. ގަލްފަށް ބަލާއިރު ކުވައިތާއި އޮމާން ފިޔަވައި ގަލްފުގެ އެހެން ހުރިހާ އަރަބި ގައުމުތަކުން ގެންދިޔައީ ސީދާގޮތުންނާއި ނުސީދާ ގޮތުން އައިއެސްއަށް އެހީތެރިވަމުންނެވެ. މިއަދު މިކަން ހަމައެކަނި ގަތަރުގެ ބޮލުގައި އެޅުވިޔަސް އެއީ ގަލްފުގެ އެހެން އަރަބި ގައުމުތަކުންނާއި އެމެރިކާއިންވެސް ކުރަމުން ގެންދިޔަ ކަމެކެވެ. ޚާއްސަކޮށް ހަތިޔާރުގެ ގޮތުންނާއި މާލީ ގޮތުންނެވެ.
އައިއެސްގެ ހަނގުރާމަ ވެރިން ރެކްރޫޓް ކުރުމަށާއި ހަނގުރާމަވެރިންނަށް މަހަކު އެތަށް ހާސް ޑޮލަރުން މުސާރަ ދިނުމަށް ބޭނުންވާ ފައިސާއަކީ މިދެންނެވި ބަޔަކު ނުދިންނަމަ އައިއެސް އަށް ލިބޭނެ އެއްޗެއް ނޫނެވެ. އައިއެސްއިން ވަގަށް ބޭރުކުރި ސޫރިޔާއާއި އިރާގުގެ ތެޔޮ ހެޔޮ އަގުގައި ގަންނަކަމުގެ ތުހުމަތު އެމެރިކާގެ ކުންފުނިތަކާއި ތުރުކީގެ މައްޗަށް ކުރެވޭއިރު މިކަމަށް ލޯމަރާލައިގެން އޮތްކަމުގެ ތުހުމަތު އެމެރިކާ ސަރުކާރުގެ މައްޗަށްވެސް ކުރެވިފައިވެއެވެ.
ކޮންމެއަކަސް ގިނަ މަގްސަދުތައް ހާސިލް ވުމާއެކު އެޖަމާއަތަށް ސިއްރިޔާތުގައި އެހީވި ގައުއުމުތަކަށްވެސް އައިއެސްގެ ދުއްތުރާ ފޯރަން ފެށުމުން މިހުރިހާ ގައުމަކުން މިވަގުތަށް އައިއެސް އާ ދުރަށް ޖެހިލުމުން އެޖަމާއަތް މިވަނީ އިރާގާއި ސޫރިޔާގައި އިނދަޖެހިފައެވެ. ނަމަވެސް އިރާގާއި ސޫރިޔާ ފިޔަވައި އެހެން ގައުމުތަކުގައި އަދި އައިއެސް ބައްޔެއް ނުވެއެވެ. ލީބިޔާ، މިސްރު، ސޮމާލިޔާ، އަފްޣާނިސްތާން އަދި ހުޅަނގު އެފްރިކާގައިވާ އެޖަމާއަތުގެ ގޮފިތަކުގެ ބާރު ގަދަވަމުން ދާނެކަމަށް ބެލެވެއެވެ.