17 Jul 2011, 13:31
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމުގައި އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮފް ހިއުމަން ރައިޓްސް އޮން އިންޓާނަލީ ޑިސްޕްލޭސްޑް ޕާސަންސް ޑރ. ޗަލޯކް ބެޔާނީ ވިދާޅުވެއްޖެ އެވެ.
ޑރ. ބެޔާނީ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އަރިހު، ޑރ. ބެޔާނީ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނީ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ބަދަލުތަކެއްކަން ބައިނަލްއަޤްވާމީ ސަމާލު ކަމަށް ފުރަތަމަ ގެނައި ގައުމަކީ ރާއްޖެކަން ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނުރަނގަޅު އަސަރުތަކާ ގުޅޭ ދިރާސާއެއް ކުރުން ބޭނުންވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސާއި ބެޔާނީ ގެ މަޝްވަރާތަކުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެދޮރުގެ ދަތިކަމާ ބެހޭގޮތުން ހާއްސަ ގޮތެއްގައި، 2004 ވަނަ އަހަރުގެ ސުނާމީގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަން ހޯއްދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. މަޝްވަރާތަކުގައި ރައީސް ވިދާޅުވީ މާލެއަށް ހިޖުރަ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި އަދި މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދި ހައްލެއް ހޯދިފައިނުވާ ކަމަށެވެ.