އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

މިދިޔަ މެއި މަހު 26 ވަނަ ދުވަހު އޭނާ އަނބުރާ ގޭ ބަންދަށް ބަދަލުކުރީ ރޯދަ މަހަށް އެކަންޏެވެ. އިމްރާން އަނބުރާ ޖަލަށް ގެންދިއުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިމްރާން ޖަލަށް ބަދަލު ކުރުމުގެ ކުރިން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރި ކަމަށް ބުނެ ދެއްކި ވާހަކަތައް މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށާއި، އެއީ ކާމިޔާބެއް ކަމަށެވެ. އަދި ކުރިން ދެއްކި ގިނަ ވާހަކަތަކެއް ވަރަށް މަދު ބަޔަކަށް ނޫނީ ގަބޫލު ނުކުރެވުނު ކަމަށާއި، ނަމަވެސް މިއަދު ހުރިހާ ރަޔިތުންނަށް އެއީ ތެދުކަން ހާމަވެފައި ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ކާނަލް ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަން ގަބޫލު ނުކުރާނެ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާނަލް ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަން ގަބޫލު ނުކުރާނެ އެއްވެސް ރައްޔިތެއް މި ރާއްޖެ އަކު ނުހުންނާނެ. އަދި ދުނިޔޭގެ ގައުމުތަކުން ވެސް އެކަން ގަބޫލު ކުރާނެ. އެހެންވީމާ މި ހަގީގަތާ އެކު ތެދުވީމަ އަޅުގަނޑަށް ގަބޫލު ކުރާ ގޮތުން އަނިޔާވެރިންނަށް ޖެހޭނީ ގޮތް ދޫކުރަން،" އިމްރާން ވިދާޅުވި އެވެ.

ޝެއިހް އިމްރާން ބަލައި ގޮސް ތިބި ފުލުހުންނާއި ކަރެކްޝަންގެ ބޭފުޅުން އެގޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އިމްރާންގެ މިއަދު ޖަލަށް ބަދަލުކުރިއިރު، ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވެސް ރޯދަ މަހަށް ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ.

އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ޖަލަށް ދިއުމުގެ ކުރިން އިމްރާން ވިދާޅުވީ، ރައްޔިތުންނަށް ހަގީގަތް ހާމަވެ ސާފު ވަމުންދާ ކަމަށާއި ކެތް ކޮށްފިނަމަ ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

"ރައީސް ޔާމީން ހިންގަވާފައިވާ ޖަރީމާތަކާއި ބޮޑެތި ކުށްތައް މިދަނީ ރައްޔިތުންނަށް ހާމަވެ ސާފުވަމުން. އެހެންވީމާ އަޅުގަނޑުމެންނަށް އޮތީ މިކަމުގައި ސާބިތުވެ ކެތްކުރުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ. ވަރަށް އަވަހަށް ނަސްރު ލިބޭނެ. ރައްޔިތުންނަށް އުފާވެރި ދުވަސްތައް ރައްޔިތުންނާ ވަރަށް އަވަހަށް ބައްދަލު ކުރާނެ." އިމްރާން ވިދާޅުވި އެވެ.