17 Jul 2011, 13:26
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލިސްތެރޭގައި މިދިޔަ ހަފުތާގައި ހިންގެވި އަމަލުތަކުގެ ސަބަބުން ދައުލަތުގެ ހުރުމަތް ކެނޑިފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި މަދަނީ ޖަމިއްޔާ އަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫދު ސޮއި ކުރައްވައި މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އިއްޔެގެ ތާރީހުގައި ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ ދުވަހު "ދަށުދަރަޖައިގެ އަމަލުތައް ހިންގެވި މެންބަރުންގެ މައްސަލަ ތަހުގީގު ކުރައްވައި އެ އަމަލުތައް ހިންގެވި މެންބަރުން ދިވެހި ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މައާފު" އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
އެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ގަޔަށް އަތްލައި އަވަގުރާނަ ގޮވައި ހެދުމުގެ ސަބަބުން ގެއްލުން ވެފައި ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރަށް ނޫން ކަމަށާއި "އެބޭފުޅުން ގާނޫނުހަދާ މަޖިލީހުގައި މިހިންގެވި އަމަލުގެ ސަބަބުން އެބޭފުޅުން ހައްދަވާ ގާނޫނުތަކަށް ރައްޔިތުން ކިޔަމަންތެރިވުމުގެ ސުވާލުވަނީ އުފެދިފައި" ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި އެ މަޖިލިސްގެ މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާއަށް ހުތުރު އެއްޗެތި ކިއުއްވައި އަދި ބައެއް މެމްބަރުން މާރާމާރީ ވެސް ހިންގާފައިވާ އިރު އެ މަންޒަރުތަކުގެ ވީޑިއޯތައް ވަނީ ރާއްޖޭގެ މީޑިޔާގައި އާއްމުކޮށްފަ އެވެ. އެގޮތުން ހުތުރު ބަސްތައް އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާއަށް ކިއުއްވި އަޑުތަކާއި މަންޒަރުތަކުގެ އިތުރުން އެކި އެކި ހުތުރު އަޑުތަކުން ހަޅޭއް ލެވުމާއި އެއް މެމްބަރަކު ފަހައި އަނެއް މެމްބަރަކު ދުވާ މަންޒަރު ވެސް ވަނީ ރައްޔިތުންނަށް ފެނިފަ އެވެ.